ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެލައްވާފައިވާ ފަދައިން ހއ. ތަކަންދޫ އަދި ހއ. މާރަންދޫއަށް އާރުޓީއެލް ފެރީ ދަތުރުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ފެށުމަށް ނިންމައިފިކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ މަހު ރައީސް ޑރ. މުޢިއްޒު ވަނީ ތިލަދުންމަތީ އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި ތަކަންދޫއަށް ވަޑައިގެން އަންނަ ރަމަޟާން މަހުގެ ކުރިން އާރުޓީއެލް ފެރީ ތަކަންދޫ އަދި މާރަންދޫއަށްވެސް ދަތުރުކުރާނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން މީސްމީޑިއާގައި ޙިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ހއ. އިހަވަންދޫ – ހދ. ކުޅުދުއްފުށި ރޫޓުގައި ހއ. ތަކަންދޫ އަދި ހއ. މާރަންދޫ ހިމަނާފައިވާ ކަމަށާއި މި ދަތުރުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ފެށުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީއާ ޙަވާލުކޮށްގެން ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަޝްރޫޢު ކުރިއަށް ދަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެންމެ ފަހުން މި ޚިދުމަތް ފަށާފައިވާ ނ. އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ 13 ރަށަކަށް ޚިދުމަތް ފޯރުކޮށްދެމުންދާއިރު މިހާތަނަށް ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށެއް ވަނީ އާރުޓީއެލްގެ ފެރީ ޚިދުމަތުން ގުޅާލާފައެވެ.
ރައީސް މުޢިއްޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ދެން އެންމެ އަވަހަށް މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ރ. އަދި ބ. އަތޮޅުގައެވެ. ހަމައެއާއިއެކު މި ދެ އަތޮޅުގައި ޖުލައި މަސް ނިމުމުގެ ކުރިން ޚިދުމަތް ފަށާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.




