އެސްޓޯނިއާގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން އެ ޤައުމުގެ ރައީސް އަލާ ކާރިސް އަދި ބޮޑުވަޒީރު ކްރިސްޓެން މިކާލް އަށާއި އެސްޓޯނިއާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެސްޓޯނިއާގެ 107 ވަނަ މިނިވަން ދުވަހާއި ގުޅިގެން ތަހުނިޔާ ދަންނަވަމުން ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައިވާ ކަމަށާއި، ކުރިޔަށް އޮތް އަހަރު ތަކުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.
އެސްޓޯނިއާގެ ރައީސް އަލާ ކާރިސް ގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ ޖެނުއަރީ މަހު އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރާއްޖެއާއި އެސްޓޯނިއާއާއި ދެމެދު މުހިންމު ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ދިޔައެވެ.


