ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލު އިސްލާހު ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހަށް ހުށަހެޅުމަކީ ނުފޫޒު ފޯރުވުން ކަމަށް ބުނެ އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ.
މިފަދަ ބަދަލެއް ޤާނޫނު އަސާސީއެއް ގެނައުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަދި ޤާނޫނީ ވަކީލު އަލްއުސްތާޛް އަލީ ހުސެއިން އެވެ.
އެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރާިން ކޯޓުގެ ފަނޑިޔާރުންގެ ބެންވި ފަހަކަށް ބަދަލު ކުރަށް ކޯޓަށް ބިލެއް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލު އޭނާ ހުށަހަޅުއްވާފައިވަނީ އޭނާގެ އަމިއްލަ ބިލެއްގެ ގޮތުގައެވެ.
މިފަދަ ބިލެއް ހުށަހެޅުމަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބުނެ ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އިދިކޮޅު އެމްްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މި ކުއްލި މައްސަލަ ބަލައިނުގަނެވޭނެ ކަން އިއުލާނު ކުރައްވައި، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ކުއްލި މައްސަލައަކީ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ގުޅިގެން ހިނގާނެ ބަހުސްއާ ގުޅޭ މައްސަލައަކަށްވާތީ، ކުއްލި މައްސަލައެއްގައި ބަޔާން ކުރާ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށެވެ.



