ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.
މި އޭޓީއެމްގެ ހިދުމަތް ރައީސް ޑރ. މުއިއްޒު ފައްޓަވައިދެއްވީ އެ މަނިކުފާނު މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާއެނބޫދޫއަށް ވަޑައިގެންނެވެ.
އޭޓީއެމް ހުޅުވައިދެއްފުމަށް ފަހު ރައީސް ޑރ. މުއިއްޒު ވަނީ އޭޓީއެމްގެ ހިދުމަތް ބޭނުން ކުރައްވާ ފައިސާ ނަންގަވާފައެވެ. އަދި އޭޓީއެމް ހިދުމަތް ހޯއްދެއްވުމަށް ރައީސް ބޭނުން ކުރެއްވި ބޭންކު ކާޑު އެ މަނިކުފާނު ވަނީ މާއެނބޫދޫގެ ކައުންސިލާއި ހަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ގެ އިތުރުން ބޭންކުގެ އިސްވެރިން ބައިވެރި ވަޑައިގެންނެވި އެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ ޝަރީފު ވިދާޅުވީ މާއެނބޫދޫގައި އޭޓީއެމްގެ ހިދުމަތް ފެށިގެން ދިޔުމަކީ އެރަށުގައި ތިބެގެން ރަށުގެ ރައްޔިތުންނަށް ބޭންކިން ހިދުމަތް ފަސޭހަކަމާއިއެކު ލިބޭނެ އިންތިޒާމު ހަމަ ޖެހިގެން ދިޔުން ކަމަށެވެ.

ޝަރީފު އިތުރަށް ވިދާޅުވީ މިއީ ރައީސް ޑރ. މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ދިވެހި ރައްޔިތުންނަށް ބޭންކިން ހިދުމަތް ހިދުމަތް އެންމެ ގާތުން ދިނުމަށްޓަކައި ބީއެމްއެލްއިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.



