ރައީސުލުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަދިޔާ ކުރާ ރޯދަ ހަދިޔާ (މަސްދަޅުކޭސް) މިހާތަނަށް 15،000 ގޭބިސީއަކުން ބަލައިގަނެފިއެވެ.
މިކަން ހާމަކުރައްވާ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް މާލެ ސަރަހައްދުގެ ޖުމުލަ 15،000 ގޭބިސީއަށް މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ ކަމަށެވެ. އަދި މަސްދަޅުކޭސް ބެހުމުގައި މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި އެ މަސައްކަތް ކުރިޔަށްދާކަން އުފަލާއެކު ފާހަގަކުރައްވާ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން ކުރިޔަށްގެންދާނަން“ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މިނިސްޓަރު ވިދާޅުވީ، ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ލިބެންދެން އެ މަސައްކަތް ކުރިޔަށްދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށާއި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ ކަމަށެވެ.



