ލ. ގަމުގައި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނާސަރީއެއް ތަރައްގީކުރަން ނިންމައި، އެކަމަށް ބޭނުންވާ ބިން އެރަށުން ހަމަޖައްސައިފިއެވެ.
ނާސަރީ ހެދުމަށް ބޭނުންވާ ބިން ހަމަޖެއްސީ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް، އިއްޔެ ލ. ގަމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެރަށުގެ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ. އެގޮތުން، ނާސަރީ ގާއިމްކުރުމަށް ހަމަޖައްސާފައިވަނީ އެއްލައްކަ އަކަފޫޓުގެ ބިމެކެވެ. އިއްޔެގެ ދަތުރުފުޅުގެ ތެރެއިން އެމްޑީ ވަނީ އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި އެ ބިން ބައްލަވާލައްވާފައެވެ.
މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި، އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރެވޭ ނާސަރީއެކެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެއެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެއް މިލިއަން ގަސް އިންދުމަށް ނިންމައި އެކަމުގެ ޕްލެޖްގައި އެޗްޑީސީން ސޮއިކުރީ، ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.
މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް މި ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެއެވެ. އެޗްޑީސީގެ އަމާޒަކީ، އެ ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުން ކަމުގައި އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.



