ކުރިޔަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ހެލްތު މިނިސްޓްރީއާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އެޗްޕީއޭ ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި ހުންނަ ފިހާރަތަކާއި، މަރުކޭޓު އަދި ގުދަން ފަދަ ތަންތަން ބަލާ ފާސް ކުރާނެއެވެ. އަދި އެތަންތަނުގައި ހުންނަ މުދަލުގެ މުއްދަތު ހަމަވާ ތާރިހާއި، އެތަކެތި ރައްކާ ކޮށްފައި ހުންނަނީ އެންމެ އެކަށީގެންވާ ގޮތެއްގައި ބަލާނެއެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް މި ޕްްްރޮގްރާމް ކުރިޔަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީއިން މައުލާމާތު ދިނެވެ.
ހެލްތު މިނިސްޓްރީ އިން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާއިމެދު ޝައްކު އުފެދޭ ނަމަ ވަގުތުން އެމްއެފްޑީއޭ ނުވަތަ އެޗްޕީއޭއް ރިޕޯޓު ކުރުމަށެވެ.
ރިޕޯޓު ކުރުމަށް ގުޅާނެ ހޮޓްލައިން:
އެމްއެފްޑީއޭ: 7603204
އެޗްޕީއޭ: 7960121



