ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، މުޖްތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ”އަލް އަސްރު“ އަދި ”އިލްމް ޖަމިއްޔާ“ އާ ގުޅިގެން ރޯދައާ ގުޅޭ ޚާއްސަ ވީޑިއޯ ސީރީޒްތަކެއް ގެނެސްދިނުމަށް ނިންމައިފިއެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ސީރީޒްތަކުގެ މަގްސަދަކީ، ރޯދަ މަހާ ދިމާކޮށް އެ މަހަށް ބޭނުންތެރި އިލްމީ މައުލޫމާތު ފޯރުކޮށްދިނުމާއެކު، އިސްލާމީ ރިވެތި އާދަތަކާއި ދީނުގައި ކަންކަން އޮންނަ ގޮތް، ޝައުގުވެރި އަދި މައުލޫމާތުން ފުރިގެންވާ ވީޑިއޯތަކެއްގެ ސިފައިގައި ގެނެސްދިނުން ކަމަށެވެ.
އެގޮތުން، ”އަލް އަސްރު“ އާއި އެޗްޑީސީ ގުޅިގެން ”ގެއްލޭނެތަ“ ނަމުގައި މީހުން ހޭލުންތެރި ކުރުމަށް ވީޑިއޯ ސީރީޒެއް ގެނެސްދިނުމަށް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

”ގެއްލޭނެތަ“ ސީރީޒްގެ ދަށުން، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިލްމީ މައުލޫމާތުން ފުރިގެންވާ ވީޑިއޯއެއް ދޫކޮށްލެވޭނެ ކަމަށާއި މިއީ ރަމަޟާން މަހުގައި ރޯދަ ހިފުމުގެ މުހިންމުކަމާއި މާތްކަން އުނގަންނައިދިނުމާއެކު، މުޖްތަމައުގައި ދީނީ ސާބިތުކަން އިތުރުކޮށް ހޭލުންތެރި ކުރުމަށް ކުރިއަށްގެންދެވޭ ސީރީޒެއްކަމަށް އެޗްޑީސީން ބުންޏެވެ.
މީގެއިތުރުން، ”އިލްމް“ ޖަމިއްޔާއާ ގުޅިގެން، ”ވާހަކަޔޯ ވާހަކަޔޯ“ ގެ ނަމުގައި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ވާހަކަ ސީރީޒެއް ވެސް ކުރިއަށް ގެންދިޔުމަށް އެޗްޑީސީން ނިންމާފައިވެއެވެ. ހުޅުމާލޭގެ ހިތްގައިމު މާހައުލުތަކުން މި ވާހަކަ ސީރީޒް ގެނެސްދޭނީ ޝައިހް ޖައުފަރު މުހައްމަދު އުސްމާންއެވެ. މީގެ މަގްސަދަކީ، އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ އިލްމީ ވާހަކަތަކެއް ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން މި ސީރީޒްގެ ދަށުން ރޯދަ މަހަގެ ކޮންމެ ހޮނިހިރު ދުވަހަކު، ވާހަކަ އެޕިސޯޑެއް އެޗްޑީސީ އަދި އިލްމު ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެނެސްދޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މިއީ، އެޗްޑީސީން އިލްމް އިންސްޓިޓިއުޓާ ގުޅިގެން މި ސީރީޒް ގެނެސްދޭ ދެވަނަ އަހަރެވެ. މި ސީރީޒްގެ ސަބަބުން، ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ދީން އުނގެނުމަށް ބާރުއެޅިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގައި އެކި ދާއިރާތަކުން މީހުން ހޭލުންތެރިކަން އިތުރު ކުރުމާއެކު، އެ ކޯޕަރޭޝަނުން ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ފޯރުކޮށްދޭ މައުލޫމާތުތަކަކީ އެ މަހަށް ބޭނުންތެރި މައުލޫމާތުތަކަކަށް ހެދުން ކަމުގައި އެ ކޯޕަރޭޝަނުން ބުންޏެވެ.


