ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހިގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މި މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ މައްސަލައެކެވެ. އެގޮތުން އެ މެންބަރުން ބުނެފައިވަނީ މިނިސްޓަރު އިހުސާން މަގާމާ ހަވާލުވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި، މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރު އިހުސާންގެ މައިގަނޑު މައްސަލައެއްކަމަށް އިދިކޮޅު މެންބަރުން ފާހަގަ ކޮށްފައިވަނީ ޑީއެންއާރު ޑޭޓާތައް ބޭނުންކޮށްގެން ޕީއެންސީ އަށް މީހުން ވެއްދިކަމުގެ ބޮޑު ތުހުމަތެވެ.
އެ މައްސަލާގައި ޖަވާބު ދާރީވާން، އިހުސާނަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލައެއްގެ ޖުމްލަ ވަގުތަކީ ދެ ގަޑިއިރެވެ.
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މާދަމާގެ ޖަލްސާގެ އެންމެ ފުރަތަމަ އައިޓަމްގެ ގޮތުގައެވެ.



