ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާބޭސްތަކަށް ކުރީ ސަރުކާރަށް ވަދެވުނުކަމެއް ނުވަތަ ނުވަދެވޭކަމެއް އެނގިފައި ނުވާ ކަމަށާއި އެކަން އޮތީ ކިހިނެއްކަން އެނގިފައިވާނުވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ، ކުރީ ސަރުކާރުގައި އެކަން އޮތްގޮތް އެނގިފައިނުވި ނަމަވެސް ހަމަޔަގީނުންވެސް މި ސަރުކާރުގައި ޑީއެންއާރްގެ ޑޭޓާބޭސްތަކަށް، ޚުދު ސަރުކާރަށް ވެސް ނުވަދެވޭނެ ކަމަށެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވެފައިވަނީ ޑީއެންއާރްގެ ޑޭޓާބޭސްތަކުން ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ނަގައިގެން ސަރުކާރު ހިންގާ ޕީއެންސީ އަށް އެތައް ބަޔަކު ވެއްދިކަކަށް ބުނެ އިދިކޮޅު މެންބަރުން ކޮށްފައިވާ ތުހުމަތުތަކަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، އެބޭފުޅުން އެބުނާ ފަދައިން މީހުން ވެއްދިނަމަ ޕީއެންސީއަށް ވައްދާނީ ހަމައެކަނި އެންމެ 1،700 މެންބަރުން ނޫން ކަމުގައެވެ.
”އަޅުގަނޑު ޑީއެންއާރްގެ ޑޭޓާ ބޭނުންކޮށްގެން މީހުން ވެއްދިނަމަ 1،700 މީހުންނެއް ނޫން ވައްދާނީ. އެ ނިޒާމުގެ ތެރެއިންނަމަ 40،000 މީހުން އަޅުގަނޑު ވައްދާނަން ޕީއެންސީއަށް“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
އެއާއެކު މިނިސްޓަރު އިހުސާން ވަނީ އޭނާއާމެދު ކޮށްފައިވާ އެ ތުހުމަދު ދޮގު ކުރައްވައި، އެއީ އެއްވެސް ”ތާކުން ތާކު ނުޖެހޭ“ ވާހަކައެއް ކަމަށެވެ.




