ދ. މީދޫގައި ކުނި މެނޭޖު ކުރުމަށް ސެންޓަރެއް ގާއިމުކޮށް، ދާއިމީ ގޮތެއްގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލު ކޮށްފިއެވެ.
މި މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވަނީ ދ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، މީދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ވެމްކޯއާ މި މަސައްކަތް ހަވާލުކޮށް އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ތޯރިޤު އިބްރާހިމްއެވެ. އަދި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.
ސަރުކާރުގެ ފަރާތުން ވަނީ ރާއްޖޭގެ ރަށްތަކުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ފަށައިފައެވެ. މި މަސައްކަތުގެ ތެރެއިން، ކުނި މެނޭޖުކުރުން ވަށާޖެހޭ އަދި ތިމާވެށްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދިއުމަށް ބޭނުންވާ ޕްލޭންތަކާއި އިންތިޒާމުތައް ވަނީ އެކުލަވާލާފައެވެ.



