ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުމާމެދު ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިންމުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅައިފިއެވެ.
މިދިޔަ އަހަރު ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު، މަޖިލިހަށް އިންތިހާބުވާ މެންބަރަކު، އިންތިހާބުވާ ސިޔާސީ ޕާޓީން ވަކި ކޮށްފިނަމަ، ނުވަތަ ވަކިވެއްޖެނަމަ މެންބަރުކަމުގެ ގޮނޑިގެއްލޭ ގޮތަށް ވަނީ ބަދަލު ކޮށްފައެވެ.
އެ އިސްލާހު ބަދަލު ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސެއިން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި މި މައްސަލައިގެ އަޑުއެހުންތައް ވެސް މިހާރު ވަނީ ފެށިފައެވެ.
މި މައްސަލަ ހުށަހެޅި އަލީ ހުސެއިން ”އެކްސް“ މެދުވެރިކޮށް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، ޤއ ގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ.




