މެޑިކަލް މާފިއާ އަކީ ދުނިޔޭގެ އެންމެ ނުފޫޒުދަ ވިޔަފާރި ނެޓްވޯކުތަަކުތެ ތެރެއިން އެއް ނެޓްވޯކެވެ. މިއީ މުޅި ދުނިޔޭގައިވެސް ބޭސްފަރުވާގެ ސިނާއަތް ކޮންޓްރޯލް ކުރާ ނެޓްވޯކެވެ. ހޮސްޕިޓަލްތަކާއި ބޭސް ފިހާރަ ތަކުން ފެށިގެން އަންނަ މި ނުފޫޒު އެ ގައުމުތަކުގެ ސަރުކާރުތަކަށްވެސް ފޯރައެވެ.
މެޑިކަލް މާފިއާއިން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ ބޭސްފަރުވާގެ އަގުތައް އަތްނުފޯރާ ހިސާބަށް މައްޗައް ޖައްސައި، އެތަން ބިލިއަން ޑޮލަރުން ފައިދާ ނެގުމެވެ. ނަހަމަ އަގުގައި ރައްޔިތުންނަށް ބޭސްވިއްކާއިރު، އެ ބޭހެއް އުފައްދާ މައިގަނޑު ކުންފުނިތައް އޮންނަނީ މި ނެޓްވޯކާއި ގުޅި ލާމެހިފައެވެ. އެ ކުންފުނިތަކުން އެންމެ އަސާސީ ބޭސްތައްވެސް ވިއްކަނީ މެޑިކަލް މާފިއާއިން ބޭނުންވާ އަގުތަކެއްގައެވެ. އަދި މިފަދަ އަސާސީ ބައެއް ބޭސްތައް އުފައްދަނީ ގިނަ ފަހަރު ދެތިން ކުންފުންޔަކުން ކަމުން، އެ ފަރާތްތައް ބޭނުންވާ އަގެއްގައި ބޭސް ގަތުމަށް މަޖުބޫރުވެގެން ދެއެވެ. މި ސިނާއަތް މުޅިންހެން މި އޮންނަނީ ’މޮނޮޕޮލައިޒް‘ ކޮށްލާފައެވެ. ހުރިހާ މުހިންމު އަދި އަސާސީ ބޭސްތައް އެއްބަޔަކު ކޮންޓްރޯލްކޮށް، މި ބޭސްތައް ވިއްކަމުން އަންނަނީ 1000 ޕަސެންޓުން 2000 ޕަސެންޓާއި ހަމަޔަށް ފައިދާ ލާފައެވެ.
1800 އަހަރުގެ ފަހުކޮޅު މެޑިކަލް މާފިއާ ވުޖޫދުވެ، ސިނާއީ އިންޤިލާބާއެކު ބޭސް އުފެއްދުމުގެ ސިނާއަތް ތަރައްޤީވެ، ބޮޑެތި ކުންފުނިތަކުން ބޭސް އުފެއްދުމުގެ ’މޮނޮޕޮލީ‘ ހޯދަން މަސައްކަތް ކުރަން ފެށުމާއެކު، މެޑިކަލް މާފިއާގެ ނުފޫޒު ފުޅާވެގެން ދިޔައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިއަދު މެޑިކަލް މާފިއާ ނެޓްވޯކުގެ އަހަރީ އާމްދަނީ އުޅެނީ، 100 ބިލިއަން ޑޮލަރަށްވުރެ މަތީގައެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކަށްވެސް ކުރިމަތިވެފައިވާ، މެޑިކަލް މާފިއާގެ ނުރައްކާ މިވަނީ ރާއްޖޭއަށްވެސް ފޯރާފައެވެ. ޒަމާނުއްސުރެއް ރާއްޖޭގެ ބޭސްފަރުވާ ގެ ކަންކަން ބަރޯސާވެފައި އޮތީ އަވައްޓެރި އިންޑިއާގެ ކުންފުނިތަކަށެވެ. އިންޑިއާގެ ބައެއް ބޭސްތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ”ޑަބްލިއުއެޗްއޯ“ އިންވެސް މަނާކޮށްފައިވާ ބޭސްތަކެއް ކަމަށް ވީނަމަވެސް، އިހުގައި ބަޔަކު މިކަން ރާވާފައި އޮތް ގޮތުން އަޅުގަނޑުމެން ޖެހެނީ އިންޑިއާގެ މި ކުންފުނިތަކަށް ބަރޯސާވެ، ބޭސްތައް ބޮޑުއަގުގައި ގަންނަންށެވެ. މިއީ، ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތައް އަޑީގައި ތިބެ، މެޑިކަލް މާފިއާ އަށް ފައިދާ ވާނެ ގޮތަށް ރާވާފައި އޮތް ކަމެކެވެ.
ސިޔާސީ ބައެއް ފަރާތްތައް ނިވަލުގައި ތިބެ ރާއްޖޭގައި މެޑިކަަލް މާފިއާ އޮޕަރޭޓްކުރަމުންދާއިރު، މި ސިޔާސީ މީހުންގެ އެހީގައި ސަރުކާރުގެ ބަޖެޓުން އަހަރަކު އެތައް މިލިއަން ޑޮލަރެއް މެޑިކަލް މާފިއާގެ ނެޓްވޯކުގައި ހިއްސާވާފަރާތްތަކަށް ލިބެމުންދެއެވެ. 100 ޑޮލަރަށް ލިބޭ ބޭސް ސޮޓޮކް ސަރުކާރުން ގަންނަން ޖެހެނީ 1500 ޑޮލަރަށެވެ. އެގޮތުން 1 މިލިއަން ޑޮލަރަށް ލިބޭ ސްޓޮކް ގަތުމަށް ސަރުކާރުން 15 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހެއެވެ. އިތުރުވާ 14 މިލިއަން ޑޮލަރަކީ މެޑިކަލް މާފިއާގައި އޮޕަރޭޓް ކުރާ ފަރާތްތަކުގެ ޖީބަށް ވަންނަ ފައިސާއެވެ. މިއީ އެންމެ ފުރަތަމަ އެމްޑީޕީގެ ވެރިކަމުން (ރައީސް ނަޝީދުގެ ވެރިކަން) ފެށިގެން މިކަން ރޭވިފައި އޮތް ގޮތެވެ. މިކަމާއި ދެކޮޅަށް ތެދުވާނެ އެއްވެސް ރައީސަކު، އެއްވެސް ސިޔާސީ ލީޑަރަކު މިހާތަނަށް ރާއްޖެ ދެކިފައެއް ނުވެއެވެ. މެޑިކަލް މާފިއާގެ ނުފޫޒު ގަދަވެ،އެ ފަރާތްތަކުގެ ވަކިތައް ސަރުކާރުގެ އެންމެ މަތީ ފަޑިން ފެށިގެން، ރައްޔިތުންގެ މަޖިލީހަށް ހިސާބަށް ފޯރާފައިވާއިރު ކޮންމެ ސަރުކާރަކުންވެސް ޖެހެނީ އެ ފަރާތްތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާށެވެ.
މިކަމާއި ދެކޮޅަށް ފާޅުގައި، ކެރިގެން ނިކުންނަން ކެރުނު ހަމައެކަނީ ލީޑަރަކީ، އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނު ވަނީ ފާޅުގައި، ރާއްޖޭގައި ބޭސް ވިއްކަމުން ދަނީ 2000 ޕަސެންޓު ފައިދާއެއް ނަގައިގެން ކަމަށާއި، އެކަން އެހެން ކުރިޔަކަ ނުދޭނެ ކަމަށް ބުނެ ސީދާ މެޑިކަލް މާފިއާއަށް ޗެލެންޖުކޮށްފައެވެ. މިއީ މީގެ ކުރިން އެއްވެސް ރައީސަކަށް ކުރަން ކެރުނު ކަމެއް ނޫނެވެ.
އިންތިހާ ބޮޑު ފައިދާގައި ބޭސް ވިއްކަމުން ދަނިކޮށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަންފެށިއެވެ. އެގޮތުން، ބޭހުގެ އަގު ދަށްކޮށް އެސްޓީއޯ ރޭޓުގައި ބޭސް ވިއްކަންޖެހޭ ގޮތަށް ހަދައިފައެވެ. އަދި އަގުބޮޑުކޮށް ބޭސް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް ސަރުކާރުން ނިންމިއެވެ.
ބޭހުގެ އަގު ދަށް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށުމާއިއެކު މެޑިކަލް މާފިއާގެ ނެޓްވޯކުގައި އޮޕަރޭޓް ކުރާ ފަރާތްތަކުން ސަރުކާރަށް ދަތި ކުރަން ފެށިއެވެ. ބައެއް މުހިންމު އަސާސީ ބޭސްތައް ގެނައުން ވެސް ހުއްޓާލިއެވެ. މީގެ ބޭނުމަކީ ރައްޔިތުން ލައްވާ ސަރުކާރަށް ޕްރެޝަރ ކުރުމެވެ. މެޑިކަލް މާފިއާއިން އުންމީދު ކުރީ މި ޕްރެޝަރ ތަކަށް ސަރުކާރުން ބޯލަނބައި، އަލުން 2000 ޕަސެންޓު ފައިދާ ގައި އެފަރާތްތަކަށް ބޭސް ވިއްކި ދާނެ ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ކަން ކުރެއްވީ މީޔާ މުޅިން ހިލާފަށެވެ.
![]()
ރޭ ދ. މީދުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ސީދާ މެޑިކަލް މާފިއާއަށް މެސެޖެއް ދެއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ބޭސްތައް ކޮންޓްރޯލު ކުރުމުގެ ފުރުސަތު މެޑިކަލް މާފިއާއަށް ނުދެއްވާނެ ކަމަށެވެ.
“ އެމީހުން މިއޮތްހާ ދުވަހު 1000 ޕަސެންޓު، 2000 ޕަސެންޓު ފައިދާ ލާފައި ބޭސް ވިއްކާ ރައްޔިތުންގެ ފައިސާ ހަމަ ’ޑްރެއިން‘ ކުރަމުން ދިޔައީ. ރަށެއްގައި ކުޑަކުޑަ ބޭސްފިހާރައެއް ހުޅުވައިލާ މީހާ ވެސް، އަހަރު ދުވަސް ނުވާނެ ބޮޑެތި މަސްދޯނި ބަންނާނީ. މިއީ ހަގީގަތް، އެ ކަން ހުއްޓުވައިލީމަ މައްސަލަ ޖެހުނީ. “ ރައީސްގެ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭސް ލިބުން ދަތިކުރީ ސަރުކާރުން ނޫން ކަމަށާއި، ސަރުކާރުން ކުރި ކަމަކީ ރައްޔިތުންގެ ހެވާ ލާބަޔަށް ރައްޔިތުންގެ ފައިސާއިން ކުރަމުންދިޔަ އިސްރާފު ކުޑަ ކުރުން ކަމަށެވެ.
މެޑިކަލް މާފިއާގެ މި ޕްރެޝަރަށް ބޯނުލަނބާނެ ކަން ހާމަކޮށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ފަރާތްތަކުން ގެނައުން ހުއްޓާލާފައިވާ ހުރިހާ ބޭހެއް ވަރަށް އަވަހަށް އެސްޓީއޯ މެދުވެރިކޮށް ގެންނާނެ ކަމަށެވެ. އެގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިވާ ލިސްޓުގައި ހިމެނޭ ހުރިހާ ބާވަތެއްގެ ބޭހެއް ވެސް، އޭޕްރީލް 15 އިން ފެށިގެން އެސްޓީއޯ ބޭސްފިހާރަތަކުން ދަތިކަމެއްނެތި ލިބޭނެ ކަމަށް ރައީސް ރޭ އިއުލާނު ކުރެއްވިއެވެ. އަދި އެމްއެފްޑީއޭގެ އެސެންޝަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އަންނަ މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ ބޭސްފިހާރަތަކުން ލިބޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ބޭހާއި ގުޅޭގޮތުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 500 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ސަރުކާރުން ފިޔަވަޅު ނޭޅި ނަމަ، މިއީ މެޑިކަލް މާފިއާގެ ޖީބަށް ވަންނާނެ ފައިސާއެވެ. ރާއްޖޭގެ ސިއްޚީ ނިޒާމު ކޮންޓްރޯލްކޮށް، ދިވެހިންނަށް 2000 ޕަސެންޓުގައި ފެންވަރުދަށް ބޭސް ވިއްކި ވިއްކުން ރައީސް ޑރ. މުއިއްޒު މިވަނީ ނިމުމަކަށް ގެންނަވަފާއެވެ. ބޭހައް ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމުގެ އިތުރުން ސަރުކާރުން ބޭސް ގެންނަން ނިންމާފައިވަނީ ޔޫރަޕުގެ ޤައުމުތަކުންނެވެ. ޔޫރަޕުން އުފައްދާ ބޭސްތަކަކީ އެތައް މަރުހަލާއަކަށް ފަހު، ޓެސްޓުކޮށް ދުނިޔޭގެ މާކެޓަށް ނެރޭ ބޭސްތަކެކެވެ. އެމީހުން އުފައްދާ ބޭސްތައް އެޕްރޫވް ކުރުމުގައި ގެންގުޅެނީ ވަރަށް ހަރުކަށި އުސޫލެކެވެ. އެއީ ބޭހުގެ ކޮލިޓީ ކަށަވަރު ކުރުމަށްޓަކައެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މެޑިކަލް މާފިއާ ’ފުނޑާލުމަށް‘ ކުރަމުން މިދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިންގެ ސިއްހީ ފަރުވާ ފެންވަރު މަތިވެގެން ދާނެއެވެ. މެޑިކަލް މާފިއާގެ އަތްދަށުން ސިއްހީ ނިޒާމު ސަލާމަށްކޮށް، ފެންވަރު ރަނގަޅު ބޭސް ޔޫރަޕުން ގެންނަން ފެށުމުން ދިވެހީންނަށް އޭގެ ފައިދާ ކުރާނެއެވެ. ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކުން ދައްކުވައިދެނީ އިޤްތިސާދީ ޕްރެޝަރަށް ބޯލެނބުމަށްވުރެ އެ މަނިކުފާނަށް މުހިންމީ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަން ކަމަށެވެ.




