އިތުބާރު ނެތްކަމުގެ މައްސަލައެއް ފެންމަތިވެފައިވުމާ ގުޅިގެން ޕޮލްކޯގެ ސީއީއޯކަމުގެ މަގާމުގައި ހުންނެވި އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަނީސް އެ މަގާމުން އެކަހެރިކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަނީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ހުށަހެޅިފައިވުމާ ގުޅިގެން، އެ މައްސަލަ ބަލައި ނިމެންދެން ސީއީއޯގެ ޒިންމާތަކުން އޭނާ އެކަހެރި ކުރުމަށް މިމަހުގެ 23 ވަނަ ދުވަހު ޕޮލްކޯ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ޕޮލްކޯ ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެތަނުގެ ސެކްރަޓަރީ އިބްރާހިމް ޚަލީލްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އިބްރާހިމް ޚަލީލަކީ 2020 ވަނަ އަހަރުން ފެށިގެން ޕޮލްކޯގެ ސެކްރަޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ޕޮލްކޯގެ ސީއީއޯކަމުގެ މަގާމުން އަނީސް އެކަހެރި ކޮށްފައިވާކަން ފުލުހުން ހާމަކުރެއްވިނަމަވެސް، އޭނާގެ މައްޗަށް އުފުލިފައިވާ ތުހުމަތުތަކުގެ ތަފްސީލެެއް ހާމަކޮށްފައެއް ނުވެއެވެ.
ޕޮލްކޯގެ ސީއީއޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ބަލަމުންގެންދާއިރު، ޕޮލްކޯ އިން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުތަކަކާ ގުޅިގެން އެ މައްސަލަ އޭސީސީން ދަނީ ބަލަމުންނެވެ.



