ލަސްވެގެން މިއަހަރުގެ ޖުލައި މަހު، ދ. ހުޅުދެލީ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހުޅުދެއްޔަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ ބިން ހިމާޔަތްކޮށްދިނުމުގެ މަސައްކަތްވެސް ހިމެނޭ ގޮތަށް ކަމަށާއި، ޖުލައި މަހު ޢަމަލީ މަސައްކަތް ފެއްޓެވުމަށްފަހު އެ މަސައްކަތް ހުއްޓާލާނީ، ބާރު ދުވެލީގައި ގެންގޮސް މަސައްކަތް ފުރިހަމަކުރެއްވުމަށް ފަހުގައި ކަމަށެވެ.
މި މަސައްކަތުގެ އިތުރުން، ހުޅުދެލީ ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކޮށް، ސްކޫލަށް ބޭނުންވާ ބިނާރު ހަމަކުރުމުގެ ޢަމަލީ މަސައްކަތް މެއި މަހު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންސާނީ އަދި ޢުމްރާނީ ވަޞީލަތްތައް ހިމެނޭނޭހެން، ޞިއްޙީ ދާއިރާއަށް ބޭނުންވާ ބިނާރު ފުރިހަމަކުރެވިފައިވާ ފުރިހަމަ ޞިއްޙީ މަރުކަޒެއް ހުޅުދެލީގައި ޤާއިމުކޮށްދެއްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، މި އަހަރުގެ ތިންވަނަ ކުއާޓަރ ތެރޭގައި ހުޅުދެލީގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވާނޭކަމަށް ވިދާޅުވެފައެވެ. އަދި ސްޕޯޓްސް ފިޝިންގ އަށް ބޭނުންވާ ބޮއި ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ހުޅުދެލިވެސް ހިމަނުއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވަނީ ހުޅުދެލީގައި ޤާއިމުކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އެ ރަށުގެ ކުނީގެ މައްސަލައަކީ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ގިނަވެގެން 4 މަސް ދުވަހުގެ ތެރޭގައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ވަޞީލަތާއި މުވައްޒަފުން ހަމަކޮށް، ޚިދުމަށް ދޭން ފެށޭނެކަމަށެވެ.



