ދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ އަތޮޅު ކުޑަހުވަދޫ، މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެއްޔަށް ވަޑައިގެން، އެ ރަށް ރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުވައްސަސާތަކުގެ ވެރިން އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ރައްޔިތުން އެދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، މުހިންމު ނިންމެވުންތަކެއް ނިންމަވައި އިޢުލާންކުރައްވާފައިވެސް ވެއެވެ.
މި ދައުރުގެ ތެރޭގައި، އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ކުޑަހުވަދޫ ރައްޔިތުންނަށް ރައީސް މުޢިއްޒު ދެއްވިއެވެ. ދ. މާއެނބޫދޫގައި ބިންހިއްކުމާއި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ އިތުރުން ތަޢުލީމާއި ޞިއްޙަތުގެ ދާއިރާއިންވެސް ސަރުކާރުން އެކި މަޝްރޫޢުތައް ކުރިއަށްގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ދ. ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މުޅި އަތޮޅުގެ ޢާންމު ރައްޔިތުންނަށް ދަތުރުގޮސް އުޅެވޭ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ ހަމަޖައްސަވާފައިވާކަން އެމަނިކުފާނު އިޢުލާންކުރެއްވީ މީދޫ ރައްޔިތުންނާ މުޚާޠަބުކުރައްވަމުންނެވެ. އަދި ލަސްވެގެން ޖުލައި މަހު ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ ގިނަ ރަށްތަކެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ފައްޓަވައިދެއްވާފައެވެ. މިއާއެކު ނިލަންދެއަތޮޅު ދެކުނުބުރި ވެފައި މިވަނީ، ވަކި ރަށްތަކުގެ މައްޗަށް އެކުލެވިފައިވާ އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވުނު ފުރަތަމަ އަތޮޅަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައިވާ ފަދައިން، މަސައްކަތް ފެށުމަށް ފަހު ހުއްޓިފައި ހުރި ހުރިހާ މަޝްރޫޢެއް، ފެބްރުއަރީ މަހާއި މާރިޗު މަހު، އަލުން ފައްޓަވާނޭކަމަށް ވިދާޅުވާ ވިދާޅުވުން، ތަކުރާރުކުރައްވާފައެވެ.



