ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ޖާގަދޭނެ ސަރުކާރެއް ނޫންކަމަށް ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ލަތީފު ވިދާޅުވީ ރައީސް މުޢިއްޒުގެ ތަސައްވުރުގެ ތެރެއިން ޖުމްލަ ހައްލު ހޯދުމަށް މަސައްކަތް ކުރެވެމުންދާ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައާއި އަދި މިނޫންވެސް ގާނޫނާ ގަވާއިދާ ހިލާފަށް ހިނގަމުންދާ ކުށުގެ އަމަލުތަށް ހުއްޓުވުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.
”މިދެންނެވި މަސައްކަތްތަށް މީގެ ކުރިން ނުހިނގާ ބާރުމިނުގައި، ކާމިޔާބުކަމާއެކު ހިނގަމުންދާކަމީ ދިވެހި ރައްޔިތުން ހެކިވާނެ ކަމެއް. މަދު ސިޔާސީ ބަޔަކު އިސްވެތިބެ މިނިސްޓަރު އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަށް ހުރަސްއަޅައި، ގައުމުގެ ހަމަޖެހުން ނަގާލުމަށް.“ ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަށް ޖާގަދޭނެ ސަރުކާރެއް ނޫން ކަމުގައެވެ.




