ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ފާސްކޮށްފިއެވެ.
މި ބިލު ފާސް ވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެޑައިގެން ތިއްބެވި 79 މެމްބަރުންގެ ތެރެއިން 68 މެމްބަރުންގެ ވޯޓާއިއެކުއެވެ.
ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ، ޕީއެންސީއަށް ނިސްބަތްވާ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު އެވެ. އޭނާ މި ބިލު ހުށަހެޅުއްވީ އަމިއްލަ ބިލެއްގެ ގޮތުގައެވެ.
މި ބިލު ބަލައިގަތުމަށް މަޖިލިސް ޖަލްސާގައި ނެގި ވޯޓުން، އެ ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދިނުމާއެކު، އެ މައްސަލަ އިއްޔެ ވަނީ ދިރާސާ ކުރުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.
އިއްޔެ ހަވީރު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި މި ބިލު އިތުރަށް ދިރާސާ ކުރަން ނުޖެހޭ ކަމަށް ނިންމައި، ކޮމިޓީން ވަނީ ފާސްކޮށްފައެވެ.



