ސުޕްރީމު ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސޫއުދު، މަހާޒު އަލީ، އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ސަސްޕެންޑު ކޮށްފިއެވެ.
ޖޭއެސްސީއިން ބުނީ އެ 3 ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވަނީ އެ ފަނޑިޔާރުންގެ މައްޗަށް ހިނގަމުންދާ ޖިނާއީ ތަހުގީގަކާއި ގުޅިގެން ކަމަށެވެ.
އެ 3 ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެ ކޮމިޝަނަށް، އެެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ ކަމަށް ޖޭއެސްސީ އިން ބުންޔެވެ.
އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނު ބުނާ ގޮތުން، ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއް މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަން ޖެހޭކަމަށެވެ.
ޖޭއެސްސީގެ އެ ގާނޫނަށް ރިޔާއަތް ކޮށް އެ 3 ފަނޑިޔާރުން މިއަދުން ފެށިގެން ވަގުތީގޮތުން ފަނޑިޔާރުކަމުން ދުރުކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވުނު އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ކަމަށް ޖޭއެސްސީ އިން ބުންޔެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މިއަދު ސަސްޕެންޑުކޮށްފައިވާއިރު، ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ އަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް މިއަދު 11:00 ޖަހާއިރަށް އޮތީ ތާވަލުކޮށްފައެވެ.



