ސުޕްރީމު ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރީ އެއީ އެ ބިލުގައި ވާ އިސްލާހަކީ ޤާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން ވިދާޅުވީ އެ ބިލަށް ތާއީދު ނުކުރަން ނިންމީ، ދާއިރާގެ ރައްޔިތުންނާއި، ޤާނޫނީ ވަކީލުންނާއި، ކުރީގެ ފަނޑިޔާރުންނާއި، ސަރުކާރުގެ ބައެއް ވަޒީރުންގެވެސް މަޝްވަރާ އާއި އެކުގައި ކަމަށެވެ. އަދި އެ ބިލަކީ ޤާނޫނު އަސާސީ އާއި ހިލާފު ބިލަކަށް ވުމުން، އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި ހިލާފު ކަމެއް ކަމަށްވެސް އަޒާން ވިދާޅުވިއެވެ.
އަޒާން އިތުރަށް ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަައެއް އޮތް ނަމަ، ޖުޑިޝަލް ސާވިސަސް ކޮމިޝަނަށް މެދުވެރިކޮށް އެ މައްސަލަ ބަލައި، އެފަދަ މައްސަލައެއް ސާބިތުވާނަމަ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އެ ފަނޑިޔާރަކު ވަކިކުރެވިދާނެ ކަމަށެވެ. އަދި ވެރިކަން ކުރާ ޕީއެންސީ އަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮށްވައި، އެ މަގު އިހުތިޔާރުނުކޮށް، ކޯޓުތަކާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައި 2 ފަނޑިޔާރަކު މަޤާމުން ވަކިކުރަން މަޖިލީހުން ނިންމުމަކީ ޤާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމުގައި ނުދޭ ކަމަށް އަޒާން ވިދާޅުވިއެވެ.
މިއަދު ފާސް ކުރެވުނު ބިލަށް ތާއީދު ނުކުރި ނަމަވެސް، އަދިވެސް ސަރުކާރައި އެކު ހުރި ކަަަމަށް ހާމަ ކުރައްވަމުން އަޒާން ވިދާޅުވީ، އައްޑޫއަށް ތަރައްޤީ ގެނައުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ހަވާލު ކުރި މަސްއޫލިއްޔަތު އެ ރައްޔިތުންނަށް ވައުދުވީ ގޮތަށް އަދާނުކޮށް އަނެއްކާވެސް ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާ މީހަކަށް ނުވާނެ ކަމަށް އަޒާން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗު 7 އަކުން 5 އަށް ކުޑަ ކުރުމުގެ ބިލު މިއަދު ފާސްކުރިއިރު، އަޒާން ވަނީ ވޯޓުގައި ބައިވެރިނުވެ މަޖިލިސް ދޫކުރައްވާ ނިކުންނަވާފައެވެ.



