ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު، މަހާޒް އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ސަސްޕެންޑުކޮށްފައިވަނީ އެ ފަނޑިޔާރުންގެ މައްޗަށް ހިނގަމުންދާ ޖިނާއީ ތަހުގީގަކާއި ގުޅިގެން ކަމަށް ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީ އިން ބުނީ މި 3 ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެ ކޮމިޝަނަށް، އެެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ ކަމަށެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނު ބުނާ ގޮތުން، ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއް މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަން ޖެހޭކަމަށެވެ.
ޖޭއެސްސީގެ އެ ގާނޫނަށް ރިޔާއަތް ކޮށް އެ 3 ފަނޑިޔާރުން މިއަދުން ފެށިގެން ވަގުތީގޮތުން ފަނޑިޔާރުކަމުން ދުރުކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވުނު އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ކަމަށް ޖޭއެސްސީ އިން ބުންޔެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މިއަދު ސަސްޕެންޑުކޮށްފައިވާއިރު، ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ އަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް މިއަދު 11:00 ޖަހާއިރު ސުޕްރީމް ކޯޓުގައި އޮތީ ތާވަލުކޮށްފައެވެ.




