ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދޭން އެމަނިކުފާނު ފެއްޓެވި މަސައްކަތް ހުއްޓުމެއްނެތި ދާނީ ކުރިއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދަކީ ލާމަރުކަޒީ ދުވަސް ކަމުގައިވާތީ، ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ދަތުރުކޮށް، ކައުންސިލުތަކުގެ އަޑު އަހައި، ރައްޔިތުންނާވެސް ގާތުން ބައްދަލުވެ، ހާލަތު ލޮލުން ދެކި، ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދޭން އެމަނިކުފާނު ފެއްޓެވި މަސައްކަތް ހުއްޓުމެއްނެތި ދާނީ ކުރިއަށް ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށަށް ޒިޔާރަތްކުރައްވާ، އެރަށްރަށާއި ރައްޔިތުންގެ ހާލަތު ގާތުން ބައްލަވާލައްވާފައެވެ.
އެމަނިކުފާނުގެ އެދަތުރުފުޅުގެ ތެރެއިން ބައެއް ރަށްރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު ފައްޓަވައިދެއްވުމާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް ބިނާކޮށްދެއްވުމާއި އަދި އޭޓީއޭޓީއެމްގެ ހިދުމަތް ދޭން ފެށުން ވެސް ހިމެނެއެވެ. އަދި ގިނަ ރަށްތަކުގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސް މުއްދަތެއްގައި ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.




