ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ފަރާތުން ކަރަންޓު ރީޑިންގް ނެގުމަށް މާދަމާ ބާއްވާ ބޮޑު ހަރަކާތުގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވެސް ބައިވެރިވުމަށް ހަމަޖެހިއްޖެއެވެ.
ސްޓެލްކޯގެ ފަރާތުން މާދަމާ ބާއްވާ މި ހަރަކާތަކީ، ރޯދަ މަސް ފެށުމުގެ ކުރިން އެއް ދުވަސް ތެރޭގައި ހުރިހާ ގެއަކުން ކަރަންޓު ރީޑިންގް ނެގުމަށް ބޭއްވޭ ހަރަކާތެކެވެ.
މިއީ ރަމަޟާން މަހު ސަރުކާރުގެ ފަރާތުން ކަރަންޓުން ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާތީ، ރަމަޟާނަ މަހުގެ ޑިސްކައުންޓު ކަރަންޓު ބިލަކީ ވަކި ބިލެއްގެ ގޮތުގައި ހެދުމުގެ ގޮތުން، އޭގެ ކުރިން ނެގޭ ރީޑިންގް ތަކެކެވެ.
ރަމަޟާން މަހު ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ސެޝަނެއްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ސަލީމް ވިދާޅުވީ، ރޯދަ މަހު ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވަނީ އެ މަހުގައި ބޭނުންކޮށްފައިވާ ކަރަންޓަށް އެކަނި ކަމަށާއި އެގޮތުން އެ މަހުގެ ބިލު ތައްޔާރު ކުރާނީ ވަކިން ކަރަންޓު ރީޑިންގް ނަގައި، ވަކި ބިލެއްގެ ގޮތުގައި ކަމަށެވެ.
ކަލަންޑަރުން ދައްކައި ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާރިޗު މަހުގެ 1 ވަނަ ދުވަހެވެ. އެހެންކަމުން އޭގެ ކުރިން ކަރަންޓު ބޭނުން ކޮށްފައިވާ އަދަދުގެ ބިލު ތައްޔާރު ކުރުމަށް މާދަމާ ހުރިހާ ގެއަކުން ކަރަންޓު ރީޑިންގް ނެގުމުގެ ޚާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
”މިދިޔަ ޖެނުއަރީ މަހުގު 15 އިން 17 ގެ ބިލު އަޅުގަނޑުމެން ވާނީ ފޮނުވާފަ. މާދަމާ ރީޑިންގް ނަގަން މިއުޅެނީ މިމަހުގެ 17 އިން 28ގެ ބިލަށް. އެއީ ރޯދަ މަހުގެ ބިލަކީ ޑިސްކައުންޓު ދޭ ބިލަކަށްވާތީ ވަކި ބިލެއްގެ ގޮތުގައި، އެ ބިލަށް ފަހުން ރީޑިންގް ނަގައި ޑިސްކައުންޓު ދޭން ވެގެން“ ސަލީމް ވިދާޅުވިއެވެ.
ގިނަ ބިލުތަކެއް އައުމުން ރައްޔިތުންނަށް އޮޅިދާނެ ކަމަށް ޤަބޫލުކުރެވޭތީ މިކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވަމުން ސަލީމް ވިދާޅުވީ، މާދަމާ ސްޓެލްކޯގެ 350 މުވައްޒަފުން، މާލެ ސަރަހައްދާއި ސްޓެލްކޯގެ ޚިދުމަތް ހޯދަމުންދާ ހުރިހާ ރަށެއްގައި، ކަރަންޓު ރީޑިންގް ނެގުމުގައި ހަރަކާތްތެރިވާނެ ކަމަށާއި އެ ހަރަކާތުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވެސް ބައިވެރިވެލައްވާނެ ކަމަށެވެ.
މާދަމާގެ މި ހަރަކާތުގެ ބޭނުމަކީ އެއް ދުވަސް ތެރޭގައި ހުރިހާ ގެއެއްގެ ކަރަންޓު ރީޑިން ނަގައި ނިންމާލުން ކަމަށާއި މިއީ ރޯދައިގެ ކުރިން ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ތައްޔަރުކުރާ ބިލެއް ކަމުގައި ތަކުރާރުކޮށް ސްޓެލްކޯ އިން މައުލޫމާތު ސާފުކޮށްދިނެވެ.
އެއަށްފަހު މިފަދައިން ސްޓެލްކޯގެ 350 މުވައްޒަފުން ނުކުމެ އެއްދުވަސްތެރޭ ކަރަންޓު ރީޑިންގް ނަގާނީ މާރިޗް މަހުގެ 31 ވަނަ ދުވަހު ކަމަށާއި، އެ ރީޑިންގް އަކީ ރޯދަ މަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ތައްޔާރުކޮށްފައިވާ (ސަރުކާރުން ޑިސްކައުންޓު ދޭ) ބިލު ކަމުގައި ވެސް އެކުންފުނިން ބުނެފައިވެއެވެ.



