ތައިލޭންޑުގެ ޕްރަޗިންބުރީ ނަމަކަށް ކިޔާ އަވަށެއްގައި ދުއްވާފައި ދިޔަ ބަހެއް ފުރޮޅާލައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އޭގައި ތިބި 49 މީހުންގެ ތެރެއިން 18 މީހުން މަރުވެ، 23 މީހަކު ޒަހަމްވެއްޖެއެވެ.
މި ބަސް ފުރޮޅާލަން މެދުވެރިވީ ބަހުގެ ބުރަކި ފެއިލް ވެ، ޑްރައިވަރަށް ކޮންޓްރޯލް ގެއްލިގެން ކަމަށް ތައިލޭންޑުގެ ފުލުހުން ބުނެފައިވެއެވެ.
އަނިޔާ ލިބުނު 23 މީހަކަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ. އެކްސިޑެންޓުވި ބަހުގައި ދަތުރުކުރަމުން ދިޔައީ ހުސް ތައިލޭންޑަށް ނިސްބަތްވާ މީހުންނެވެ.
ތައިލޭންޑުގެ ޕްރައިމް މިނިސްޓަރ ޝިނަވަތުރާ ވަނީ މަރުވެފައިވާ އާއިލާ ތަކަށް ތައުޒިޔާ ފޮނުވާފައެވެ. ޝިނަވަތުރާ ބުނެފައިވަނީ މި ހިތާމަވެރި ހާދިސާ ދިމާވާން މެދުވެރި ސަބަބެއް މިހާރު އިތުރަށް ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.
ތައިލޭންޑުގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް އާންމުވެފައިވަނީ ވެހިކަލް ތަކުގެ ސަލާމަތީ މިނގަނޑުތައް ތަންފީޒު ނުކުރެވި، މަގުތައް ރަނގަޅަށް ނުބެލެހެއްޓޭތީ ކަމަށް އެ ޤައުމުގެ ރައްޔިތުން ދެކެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 2023 ވަނަ އަހަރު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން 9 ވަނަ އަށް އެންމެ ގިނައިން އެކްސިޑެންޓު ވެގެން މީހުން މަރުވާ ޤައުމެއްގެ ގޮތުގައި އޮތީ ތައިލޭންޑް އެވެ.
މިދިޔަ އަހަރުވެސް ތައިލޭންޑުގެ ޕަތިމް ތާނީ އަވަށުގައި ދުއްވާފައި ދިޔަ ދިޔަ ސްކޫލް ބަހެއްގެ ގޭސް ސިލިންޑަރެއް ލީކުވުމުގެ ސަބަބުން ބަހުގައި އަލިފާން ރޯވެ، އޭގައި ދަތުރު ކުރި 23 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 16 ސްކޫލް ދަރިވަރުން ހިމެނެއެވެ.



