ޔަހޫދީ އިޒްރޭލުން ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަންކޮށްފިއެވެ.
ދިގު 15 މަސް ދުވަހުގެ ހަމަލާތަކަށްފަހު ހަނގުރާމަހުއްޓާލުމަށް އިޒްރޭލުން އެއްބަސްވީ ނިމިދިޔަ ޖެނުއަރީ މަހުގައެވެ. އެއަށްފަހު އެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހައްޔަރު ކޮށްފައިތިބި މީހުން ފޫކޮށްލުމުގެ މަސައްކަތް ކޮންމެ ހަފްތާއަކު ހަމާސް ޖަމާޢަތާއި އިޒްރޭލު ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ދޫކޮށް ނިންމާފައިވާ ޣައްޒާގެ ބާކީތިބި 642 ހައްޔަރީން އިއްޔެ ވަނީ މިނިވަން ކޮށްފައެވެ. ބަދަލުގައި ހަމާސްއިން ވަނީ މަރުވެފައިވާ އިޒްރޭލުގެ ހަތަރު ސިފައިންގެ ހަށިގަނޑު އެ ޤައުމާ ހަވާލު ކޮށްފައެވެ. އިޒްރޭލުން ބުނީ އެ ހަށިގަނޑުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އިޒްރޭލުން އިއްޔެ ޣައްޒާގެ 642 ހައްޔަރީން މިނިވަން ކޮށްފައިވާއިރު، 92 ފަލަސްތީނު ރައްޔިތުން މިސްރަށް ޑީޕޯޓު ކޮށްލާފައި ވެސް ވެއެވެ.
ހަމާސްއިން ބުނި ގޮތުގައި މިހާރު އެ ޖަމާއަތުން އިންތިޒާރު ކުރަމުން ދަނީ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސާމެދު އިޒްރޭލުން ނިންމާނެ ނިންމުމަކަށެވެ. ހަމާސްއިން ވަނީ ދެން ހަނގުރާމައެއް ނުކުރުމަށް ހުށަހެޅުމެއް ޔަހޫދީ އިޒްރޭލަށް ހުށަހަޅާފައެވެ.



