ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރުން ކަމަަށްވާ ޙުސްނުއްސުޢޫދުއާއި، ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑުކޮށްފައިވާއިރު، އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްވެސް ބަލަން ފަށައިފިއެވެ.
މި ތިން ފަނޑިޔާރުންވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޖޭއެސްސީން ބުނެފައިވަނީ މި ތިން ފަނޑިޔާރުން ސަސްޕެންޑު ކޮށްފައިމިވަނީ އެ ބޭފުޅުންނާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މައްސަލައެއް ހުށަހެޅިފައިވުމުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން އޭސީސީން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އެ ކޮމިޝަނަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް އެއްވެސް ނުފޫޒަކަށް ލެނބުމެއްނެތި ތަހުގީގު ކުރާނެ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހަޅާފައިވަނީ ކޮން މައްސަލައެއްކަން އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.
ޖޭއެސްސީން ވަނީ، ސަސްޕެންޑު ކޮށްފައިވާ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާކަމަށް ފަނޑިޔާރުންނަށް ވަކިވަކިން އަންގައި ނޯޓިސް ދީފައިކަން ވެސް އެނގިފައިވެއެވެ.




