އެއް ދުވަސް ތެރޭގައި ހުރިހާ ގެއަކުން ކަރަންޓު ރީޑިންގް ނެގުމަށް މިއަދު ފަށާފައިވާ ހަރަކާތުގެ ދަށުން، ރީޑިންގް ނެގުމަށް ސްޓެލްކޯގެ ޓީމުތައް މަގުތަކަށް ނިކުމެއްޖެއެވެ.
ސްޓެލްކޯއިން ފަށާފައިމިވާ ހަރަކާތަކީ، ރަމަޟާން މަސް ފެށުމުގެ ކުރިން އެއް ދުވަސް ތެރޭގައި ހުރިހާ ގެއަކުން ކަރަންޓު ރީޑިންގް ނެގުމަށް ބޭއްވޭ ހަރަކާތެކެވެ.
މިއީ ރަމަޟާން މަހު ސަރުކާރުގެ ފަރާތުން ކަރަންޓުން ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާތީ، ރަމަޟާން މަހުގެ ޑިސްކައުންޓު ކަރަންޓު ބިލަކީ ވަކި ބިލެއްގެ ގޮތުގައި ހެދުމުގެ ގޮތުން، އޭގެ ކުރިން ނެގޭ ރީޑިންގް ތަކެކެވެ.
މިއަދުގެ މި ހަރަކާތުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވެސް ވަނީ ކަރަންޓު ރީޑިންގް ނެގުމުގައި ބައިވެރިވެވަޑައިގެންފައެވެ.
ރަމަޟާން މަހު ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ސެޝަނެއްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ސަލީމް ވިދާޅުވީ، ރޯދަ މަހު ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވަނީ އެ މަހުގައި ބޭނުންކޮށްފައިވާ ކަރަންޓަށް އެކަނި ކަމަށާއި އެގޮތުން އެ މަހުގެ ބިލު ތައްޔާރު ކުރާނީ ވަކިން ކަރަންޓު ރީޑިންގް ނަގައި، ވަކި ބިލެއްގެ ގޮތުގައި ކަމަށެވެ.
ކަލަންޑަރުން ދައްކައި ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާރިޗު މަހުގެ 1 ވަނަ ދުވަހެވެ. އެހެންކަމުން އޭގެ ކުރިން ކަރަންޓު ބޭނުން ކޮށްފައިވާ އަދަދުގެ ބިލު ތައްޔާރު ކުރުމަށް މިއަދު ހުރިހާ ގެއަކުން ކަރަންޓު ރީޑިންގް ނެގުމުގެ ޚާއްސަ ހަރަކާތެއް ވަނީ ފަށާފައެވެ.
”މިދިޔަ ޖެނުއަރީ މަހުގު 15 އިން 17 ގެ ބިލު އަޅުގަނޑުމެން ވާނީ ފޮނުވާފަ. މާދަމާ ރީޑިންގް ނަގަން މިއުޅެނީ މިމަހުގެ 17 އިން 28ގެ ބިލަށް. އެއީ ރޯދަ މަހުގެ ބިލަކީ ޑިސްކައުންޓު ދޭ ބިލަކަށްވާތީ ވަކި ބިލެއްގެ ގޮތުގައި، އެ ބިލަށް ފަހުން ރީޑިންގް ނަގައި ޑިސްކައުންޓު ދޭން ވެގެން“ ސަލީމް ވިދާޅުވިއެވެ.
ގިނަ ބިލުތަކެއް އައުމުން ރައްޔިތުންނަށް އޮޅިދާނެ ކަމަށް ޤަބޫލުކުރެވޭތީ މިކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވަމުން ސަލީމް ވިދާޅުވީ، މިއަދު ސްޓެލްކޯގެ 350 މުވައްޒަފުން، މާލެ ސަރަހައްދާއި ސްޓެލްކޯގެ ޚިދުމަތް ހޯދަމުންދާ ހުރިހާ ރަށެއްގައި، ކަރަންޓު ރީޑިންގް ނެގުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
މި ހަރަކާތުގެ ބޭނުމަކީ އެއް ދުވަސް ތެރޭގައި ހުރިހާ ގެއެއްގެ ކަރަންޓު ރީޑިންގް ނަގައި ނިންމާލުން ކަމަށާއި މިއީ ރޯދައިގެ ކުރިން ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ތައްޔަރުކުރާ ބިލެއް ކަމުގައި ތަކުރާރުކޮށް ސްޓެލްކޯ އިން މައުލޫމާތު ސާފުކޮށްދިނެވެ.
އެއަށްފަހު މިފަދައިން ސްޓެލްކޯގެ 350 މުވައްޒަފުން ނުކުމެ އެއްދުވަސްތެރޭ ކަރަންޓު ރީޑިންގް ނަގާނީ މާރިޗް މަހުގެ 31 ވަނަ ދުވަހު ކަމަށާއި، އެ ރީޑިންގް އަކީ ރޯދަ މަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ތައްޔާރުކޮށްފައިވާ (ސަރުކާރުން ޑިސްކައުންޓު ދޭ) ބިލު ކަމުގައި ވެސް އެކުންފުނިން ބުނެފައިވެއެވެ.




