އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނީގެ އެންމެ މަޤުބޫލު އެއް ހިދުމަތް ކަމުގައިވާ ”ޙައްޖު އަދި ޢުމްރާ ތަކާފުލް“ގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
އެކުންފުނިން ބުނި ގޮތުގައި 50% އަށް ވުރެ ބޮޑު ޑިސްކައުންޓަކާއި އެކު ގެނެސްފައިވާ މިބަލުގެ ދަށުން، މިހާރު ކޮންމެ ޙައްޖު އަދި ޢުމްރާވެރިއަކަށްވެސް 300 ރުފިޔާއަށް މިޕްލޭން ބައްލަވައިގަނެވޭނެއެވެ.
ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ދަތުރުމަތީގައި ދިމާވެދާނެ ޞިއްޙީ އަދި މާލީ ގެއްލުން ލިބޭ ހާލަތްތައް ހިމަނައިގެން އެކުންފުނިން ތައްޔާރުކޮށްފައިވާ ޙައްޖު ތަކާފުލް ކުރިން ފޯރުކޮށްދީފައިވާ އަގަކީ 750 ރުފިޔާއެވެ. އަދި ޢުމްރާ ތަކާފުލް ކުރިން ފޯރުކޮށްދެމުންދިޔަ އަގަކީ 550 ރުފިޔާއެވެ.
އަޔާދީ ތަކާފުލްއިން މަޢުލޫމާތު ދޭ ގޮތުގައި ވޭތުވެދިޔަ 11 އަހަރުވެސް ކުންފުނީގެ މައިގަނޑު އަމާޒަކަށްވެފައިވަނީ ރައްޔިތުންނަށް އަތްފޯރާފަށުގައި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ، އިސްލާމީ ޝަރީއަތާ ރައްޓެހި އިންޝުއަރަންސް ނިޒާމެއް ޤާއިމްކުރުމަށެވެ. އެގޮތުން، މިފަހަރު މިގެނެވުނު ބަދަލާއި އެކު ޙައްޖު އަދި ޢުމްރާއަށް ދާ ފަރާތްތަކަށް ޕްލޭން ނެގުމަށްޓަކައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ޙައްޖާއި ޢުމްރާވެރިންނަށް ޑޮލަރު ދޫކުރަމުންދާ، ސަލްމާން މިސްކިތުގެ 5ވަނަ ފަންގިފިލާއިން ޙައްޖާއި ޢުމްރާއަށް ޙާއްޞަ ތަކާފުލް ޕްލޭންގެ މަޢުލޫމާތު ސާފުކޮށް، ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިޚިދުމަތް ލިބޭނެ ގަޑިތަކަކީ 27 ފެބްރުވަރީއާއި ހަމައަށް ހެނދުނު 9 އިން 2 އަށެވެ. އެއަށްފަހު، 13 މާރިޗުގެ ނިޔަލަށް ޚިދުމަތަށް ޚާއްޞަކުރެވިފައިވާ ގަޑިއަކީ ހެނދުނު 9 އިން 11:30 އަށެވެ.
މީގެ އިތުރުން، ކުރިއެކޭވެސް އެއްގޮތަށް މައި އެލައިޑް ޕޯޓަލާއި https://myallied.mv/hajj-umrah/hajj-umrah-takaful އެލައިޑް އެޕް މެދުވެރިކޮށް ވަގުތުން މިޕްލޭން ބައްލަވައިގަނެވޭނެ ކަމުގައި އަޔާދީއިން މަޢުލޫމާތު ދެއެވެ.



