ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި އަނެއްކާވެސް ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ، އެކަމަށް ސަމާލުވާން އިލްތިމާސް ކޮށްފިއެވެ.
ބީއެމްއެލް އިން މިއަދު ”އެކްސް“ މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ބޭންކުގެ ނަމުގައި އަނެއްކާވެސް ސްކޭމް މެސެޖުތަކެއް ބައެއް ފަރާތްތަކުން ފޮނުވަމުން ދާތީ، އެކަމަށް ސަމާލުވުމަށެވެ.
އެ ބޭންކުގެ ނަމުގައި ކޮށްފައިވާ މެސެޖުގައި ސުވާލު ކޮށްފައިވަނީ، އެހެން މީހަކު އެމީހެއްގެ އެކައުންޓުން ލޮގިން ވެފައިވާކަން ފާހަގަ ވެފައިވާ ކަމަށެވެ. ގޮތް ނޭނގޭ ލިންކެއް ހިމަނާފައިވާ އެ މެސެޖުގައި އިތުރަށް ބުނެފައިވަނީ، އެކައުންޓު ރައްކާތެރިކުރުމަށް އެ ލިންކަށް ވަނުމަށެވެ.
ބީއެމްއެލް އިން ބުނެފައިވަނީ އެފަދަ އެއްވެސް (ލިންކެއް ހިމެނޭ) މެސެޖެއް އެ ބޭންކުން ކަސްޓަމަރުންނަށް ނުފޮނުވާނެ ކަމަށާއި އެކަމަށް ސަމާލު ވުމަށެވެ. އަދި އެފަދަ ލިންކުތަކަށް ނުވަނުމަށް ވެސް އެ ބޭންކުން އިލްތިމާސް ކޮށްފައިވެއެވެ.



