ނިމިދިޔަ އެމްޑީޕީގެ ވެރިކަން ބަދަލުވިފަހުން، 18 ނޮވެމްބަރު 2023 ގައިވެސް އޭރުގެ ފްލެޓް ކޮމިޓީގެ މެމްބަރުން ގެދޮރުވެރިޔާ ޕޯޓަލްއަށް އެކްސެސް ވެފައިވާ ކަމަށް ހައުސިން މިނިސްޓަރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ ވެރިކަން އެމްޑީޕީ ސަރުކާރުން އެކުލަވާލި ފްލެޓް ކޮމިޓީގެ މެމްބަރުން، ވެރިކަން ބަދަލުވި ފަހުންވެސް ގެދޮރިވެރިޔާ ޕޯޓަލްއަށް އެކްސެސެް ވެފައިވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އޭރުގެ ސަރުކާރުން ފްލެޓް ލިބޭ ކަމަށް ލިސްޓު އިއުލާނު ކުރުމާއިއެކު، ދެ ދުވަހުގެ ތެރޭގައި އެއް ސަފްހާގެ އެއްބަސްވުމެއް ހަދައި، ފްލެޓް ލިބޭ ކަމަށް ބުނި ފަރާތްތަކާ ހަވާލުކޮށްފައިވަ ކަމަށެވެ.
ކުރީގެ ފްލެޓް ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރި މިނިސްޓަރ މުއްތަލިބް ފާހަގަ ކުރެއްވިއެވެ. އެގޮތުން ޕޯޓަލްއަށް ނުބައި ޑޮކިއުމެންޓު އަޕްލޯޑުކޮށްފައިވާ ބައެއް ފަރާތްތައްވެސް ލިސްޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރުމަށްޓަކައި އަޕްލޯޑްކުރަންޖެހޭ ޑޮކިއުމެންޓްގެ ބަދަލުގައި އައިޑީކާޑުގެ އެއް ފުށް އަޕްލޯޑްކޮށްފައި ހުރި ފަރާތެއްވެސް މާލޭގައި 15 އަހަރު އުޅުނުކަން ސާބިތުވާ ކަމަށް ބަލާފައި ފްލެޓް ލިބުނު ލިސްޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މީގެ އިތުރުންވެސް، ރަށްރަށުގައި ދައުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން މާލޭގައި ވަޒީފާގައި އުޅޭކަމުގެ ލިޔުން ހުށަހަޅައިގެންވެސް ލިސްޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިފަދަ އެތައް މައްސަލައެއް 3119 ފަރާތަކަށް ފްލެޓް ލިބޭ ކަމަށް ކުރީ ސަރުކާރުން އޮތީ ނިންމާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
4،000 ފްލެޓް ގެ ތެރެއިން 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން، 75 ޕޮއިންޓާއިއެކު ޝަރުތު ހަމަވެފައިވަނީ 1423 މީހުން ކަމަށެވެ. އަދި 2 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1218 މީހުންގެ ތެރެއިން 73 ޕޮއިންޓާއިއެކު ޝަރުތު ހަމަވެފައިވަނީ 397 މީހުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވީމާ ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަަމަށް ކަނޑައެޅި 4939 މީހުންގެ ތެރެއިން ޝަރުތު ހަމަވާކަން ކަށަވަރުވެ، ފްލެޓް ލިބެނީ 1820 މީހުންނަށް ކަމަށް މިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެ 1820 މީހުންނާ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ވަރަ އަވަހަށް ފަށާނެ ކަމަށެވެ. އަދި ފްލެޓް ނުލިބޭ ކަމަަށް ކަނޑައެޅި 3119 މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އެއް މަސް ދުވަހަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެފަރާތްތަކުގެ ޝަކުވާތައް ބަލައި، އަލުން އިވެލުއޭޓު ކޮށް ބާކީ ހުރި ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތައް ގާތްގަނޑަކަށް 4 މަސް ދުވަސް ވަރު ނަގާނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.



