މާލޭގައި ދިރިނޫޅޭ 320 މީހަކަށް ފްލެޓް ދިނުމަށް ކުރީ ސަރުކާރުން ލިސްޓުގައި ހިމަނާފައިވާކަން ހާމަވެއްޖެއެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ފްލެޓު ލިބުނު ކަމަށް ކުރިން ހިމަނާފައިވާ 4939 ޗެކް ކުރުމަށްފަހު، އެ ފޯމުތަކުގެ ތެރެއިން ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 1820 ފަރާތަކަށް ކަމަށެވެ. އަދި 2695 ފޯމު ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާއިރު، 424 ފަރާތެއް (ޕޮއިންޓަށް އައި ބަދަލާއެކު) ލިސްޓުން އުނިވެފައިވާ ކަމަށް ވެސް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަނުވާ އެންމެ މައިގަނޑު ސަބަބުކަމަށް ހާމަވެފައިވަނީ، މާލޭގައި 15 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅޭކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުގެ މައްސަލަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމަކީ ބިންވެރިޔާ ސްކީމާ އެއްކޮށް ހިންގުނު ސްކީމެއް ކަމަށެވެ. އެގޮތުން މާލެއަށް އުފަންވެފައިވާ ގިނަ ރައްޔިތުން ބިންވެރިޔާ ސްކީމަށް އެޕްލައި ކުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ގެދޮރުވެރިޔާ ސްކީމަށް އެޕްލައި ކުރި ގިނަ ފަރާތްތަކަކީ ރަށްރަށުން މާލެ އައިސްފައި، ފަހުން މާލޭގައި ރެޖިސްޓްރީވީ ފަރާތްތަކާއި މާލެއަށް ހިޖުރަކޮށް މާލެއަށް ދިރިއުޅުން ބަދަލުކުރި ފަރާތްތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އެހެންކަމުން މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތު ކުރުމަކީ އެޕްލައި ކުރި ފަރާތްތަކުން ކުރަން ޖެހިފައިވާ ކަމެއް. އެއީ މީގައި ކަނޑައަޅާފައިވާ އެންމެ އަސާސީ އެއް ޝަރުތު. ނަމަވެސް ބައެއް ފަރާތްތަކުން ހުށަހަޅާފައެވާ ލިޔުން ސައްޙަ ނޫންކަން ވަނީ ފާހަގަ ކުރެވިފަ“ މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލޭގައި ދިރިނޫޅޭ %8 މީހުން (320 މީހުން)، މާލޭގައި 15 އަހަރުގެ މުއްދަތަކަށް ދިރިއުޅުނު ކަމަށް ނިންމައި ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ. އަދި އެއީ ސައްޙަ ލިޔުންތަކަކަށް ނުވާތީ، އެމީހުންގެ ފޯމުތައް ވެސް އުނިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




