މާދަމާއަކީ ބަންދު ދުވަހެއް ކަމުގައިވިޔަސް ޕެރިޝަބަލް މުދާ ދޫކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
ރަމަޟާން މަހަށް ޚާއްސަކޮށް އެމްޕީއެލް އިން ވަނީ އެ ކުންފުނީގެ ޚިދުމަތްތައް ހަލުވި ކޮށްފައެވެ.
އެމްޕީއެލް އިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ހުކުރު ދުވަހަކީ ޕޯޓްގެ ރަސްމީ ބަންދު ދުވަހެއް ކަމުގައިވިޔަސް، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކޮޮށްފައިވާ ޕެރިޟަބަލް މުދާ (ކާބޯތަކެތި) ކަސްޓަމަރުންނަށް ވީ އެންމެ އަވަހަށް ފޯރުކޮށްދިނުމަށް ހަމަޖެއްސި ޚާއްސަ އިންތިޒާމެއްގެ ދަށުން، 28 ފެބްރުއަރީ 2025 ވާ ހުކުރު ދުަވަހު 14:30 އިން 22:00 އަށް ޕެރިޝަބަލް މުދާ ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރޯދައިގައި މުދާ ދޫކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ގޮތް ހިއްސާ ކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޓް ޑިޕާޓްމެންޓްގެ ހެޑް އިލްޔާސް މުހައްމަދު ވިދާޅުވެފައި ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން މަސައްކަތް އަވަސްކުރުމުގެ ގޮތުން ވަގުތީ ގޮތުން 19 މުވައްޒަފުން ކާގޯ ވެސެލްތަކަށް ހާއްސަކޮށް ނަގާފައިވާ ކަމަށެވެ.



