ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާ މެދު އިހުމާލުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމާއި ގުޅޭ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ގިނަ ބަލިތަކަށް ހުށަހެޅިގެންދާ އާއްމު ސިއްހަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ދުންފަތުގެ އިސްތުއުމާލު ކުރާ ފަރާތްތަކުގެ އިތުރުން އާއިލާތަކާއި މުޅި މުޖުތަމައަށް އިޖްތިމާއީ ގޮތުންނާއި މާލީ ގޮތުން ގެއްލުންތައް ލިއްބައިދޭ ކަމެއްކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ދުންފަތުގެ ނުރައްކަލުން ސަލާމަތްވެ ތިބުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާއި ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން ގާނުނާއި ގަވާއިދުގެ މަގްސަދު ހާސިލުކޮށް އޭގެ ފައިދާ ލިބިދިނުމަށްޓަކައި ކަމާއި ގުޅުންހުރި އެންމެހާ ފަރާތްތަކުން މިކަމަށް އެއްބާރުލުން ދެއްވާ އެކަމަށް މަސައްކަތް ކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މީގެއިތުރުން އެޗްޕީއޭއިން ވަނީ ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކާ ފަރާތްތަކާއި ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި އޮފީސްތަކާއި މަސައްކަތުގެ އެހެނިހެން މާހައުލުތަކާއި ފަތުރުފަތުރުގެ ނިޒާމުތަކާއި އާއްމު ހިދުމަތްތަކާއި އާއްމުތަންތަން ހިންގާ ނުވަތަ ބަލަހައްޓާ ފަރާތްތަކުން އަދި ޚާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުން ގާނޫނާއި ގަވާއިދަށް އަހުލުވެރިވެ އެއާއި އެއްގޮތަށް އަމަލުކުރުމަށް ގޮވާލާފައެވެ.
މިގޮތުން ވިޔަފާރި ކުރުމުގައާއި އެކިއެކި ކަންކަން ރާވާ އިންތިޒާމު ކުރުމުގައި އަދި ތަންތަން ހިންގުމުގައި އަންނަނިވި ކަންކަމާއިމެދު ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ.
- ދުންފަތުގެ ބާވަތްތައް އެއްވެސް މިންވަރަކަށް އެއްވެސް ތަނެއްގައި އިޝްތިހާރު ނުކުރުން
- ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި އެއްތަނުން އަނެއްތަނަށް އުފުލާއިރު އާއްމުކޮށް ފެންނާނެހެން ނުބެހެއްޓުން‘
- 21 އަހަރު ނުފުރޭ ފަރާތަކަށް ނުވަތަ އެފަދަ ފަރާތެއް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ނުވިއްކުން
- ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާއިރު، ރީ އެކްސްޕޯޓް ކުރާ އަދި ވިއްކާ ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ނެގުން
- ގާނޫނާއި ގަވާއިދާއި އެއްގޮތަށް، އުފައްދާ އަދި ޕެކެޓްކޮށް ލޭބަލްޖަހާފައިވާ ފުންފަތުގެ ބާވަތްތައް ނޫނީ ނުވިއްކުން
- ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހުއްދަ ނޫން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
ހަމައެއާއިއެކު، ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާ މެދު އިހުމާލުވެ ގާނޫނާ ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ތަންފީޒީ އިދާރާތައް ގުޅިގެން އިންސްޕެކްޝަންތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.




