ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި 2025-2026 ވަނަ އަހަރު އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެސްޓީއޯއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށް، އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން 6 ޑިރެކްޓަރުން އިންތިޚާބުކުރެވޭނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އެންމެ މަދުވެގެން ކުންފުނީގެ ހިއްސާދާރަކަށްވުމާއެކު، 30 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހެއެވެ. އަދި ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީއާއެކު 5 އަހަރުގެ ތަޖުރިބާ ނުވަތަ ޑިޕްލޮމާއާއެކު 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.
މީގެއިތުރުން، މިނިވަން މުސްތަޤިއްލު ފަރާތަކަށްވުމާއި، ކުންފުނީގެ ވިޔަފާރިއާ މަސްލަހަތު ފުށުއަރާ ފަރާތަކަށް ނުވުމާއި، ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން ފަދަ އިތުރު ޝަރުތުތަކެއްވެސް އިއުލާނުގައި ހިމަނާފައިވެއެވެ.
އެހެންކަމުން މިމަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން، 21 މާރިޗު 2025 ވާ ހުކުރު ދުވަހުގެ 16:00 ގެ ކުރިން މަގާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް އިޢުލާނުގައި ބުނެފައިވެއެވެ. އަދި ކުރިމަތިލާ ފަރާތްތައް އިވެލުއޭޓްކޮށް އިންޓަވިއުކުރުމަށްފަހު، އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުން ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓިއޯއިން ބުނެފައިވެއެވެ.




