ދިވެހިންގެ އަމިއްލަވަންތަކަމާއި ސަގާފަތް ފާހަގަކޮށްދޭ ގޮތަށް އަލުން ޑިޒައިންކޮށް، މަރާމާތުކުރުމަށްފަހު މާލޭގެ ޢިއްޒުއްދީން ފާލަން މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވައިދެއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުންނާއި ބޭރުގެ ޑިޕްލޮމެޓުން ވަނީ ބައިވެރިވެފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދިޔަ މިމަޝްރޫޢަށް 11 މިލިއަން ރުފިޔާއަށްވުރެ ގިނައިން ވަނީ ޚަރަދުވެފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރުގެ އިއްޒަތްތެރިން މާލެއަށް ވަޑައިގަތުމަށް ބޭނުންކުރާ ޢިއްޒުއްދީން ފާލަން އަލުން 1950 ގައި ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ހުރި ފާލަމުގެ ސިފަތައް ހިމަނާގެން ޑިޒައިންކޮށް ތަރައްގީކޮށްފައި ވަނީ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ޢިއްޒުއްދީން ފާލަމުގެ ނަން ނިސްބަތް ވަނީ ދިވެހިރާއްޖެ ހޮޅިންގެ އަޅުވެތިކަމުން މިނިވަންކުރެއްވި އައްސުލްޠާން ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) އަށެވެ. މިއީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ.



