ސަލްޓަން ޕާކު އަލުން ތަރައްޤީ ކުރާނީ ދިވެހިންގެ އައިޑެންޓިޓީ ދައްކައިދޭ ގޮތަށް. މިހާރުގެ ބަވަނަވެފައިވާ މި ދުނިޔޭގެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޢިއްޒުއްދީން ފާލަން ރަސްމީކޮށް އަލުން ހުޅުވުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ސަލްޓަން ޕާކުގެ ހާލަތު ހުރީ ވަރަށް ދެރަކޮށް ކަމަށާއި ޚާއްސަކޮށް ނިމިދިޔަ ފަސް އަހަރެއްހާ ދުވަސް ތެރޭގައި އެތަން ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު ސަލްޓަން ޕާކު ތަރައްޤީ ކުރުމާވެސް ސަރުކާރުން މިވަނީ ހަވާލުވެފައި ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަލްޓަން ޕާކު ތަރައްޤީ ކުރާނީ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން، ޅަދަރިންނާއި ޒުވާނުން ވެސް ހިތްހަމަޖެހޭ އަދި ޝައުޤުވެރިކަމާ އެކީގައި ރާއްޖޭގެ ތާރީޚު އެތަނުން ދަސްވާނެގޮތަށް ބައްޓަންކުރެވިގެންދާ ގޮތަށް ކަމަށެވެ. އަދި ހަމައެއާއެކު ކުޑަކުދިންނާއި ޢާއިލާތަކުން ހިތްގައިމުކަމާ އެކީގައި ވަގުތު ހޭދަކޮށްލެވޭނެ ތަފާތު ފީޗަރސްތައް އެތަނަށް އިތުރުކުރެވިގެންދާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
”އޭގެ އިތުރުންވެސް ބޯލިންއެލީފަދަ މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާއި ތަންތަންވެސް އިތުރުވެގެންދާނެ. އަދި އިތުރު ފީޗާތައްވެސް ހިމެނޭނެ. އެހެންވީމަ ކުރިއަށް މިއޮތް ހައެއްކަ މަސްދުވަހުގެތެރޭގައި އިރާދަކުރެއްވިއްޔާ ސަލްޓަންޕާކް އަޅުގަނޑުމެން ތަރައްޤީކުރާއިރުގަ މި މުޅި ހިސާބަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަވަގުތުކޮޅެއް ހޭދަކޮށްލުމުގައި ބޭނުންހިފޭނެ އެންމެ ގިނަ ކަންކަން ހިމެނޭ އެންމެ ބޮޑު ސަރަހައްދަށްވާނެ. އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރަސްފަންނާއި ސަލްޓަން ޕާކުގެ ރީތިކަން އަނބުރާ ގެނެސްދެއްވައި، އެތަންތަން އިތުރަށް ފުރިހަމަ ކޮށްދެއްވާނެ ކަމަށް މިމަހުގެ 14 ވަނަ ދުވަހު ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ. މި ދެ ތަނަކީ ވެސް ރައީސް މުޢިއްޒު ކުރިން ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، 2017 ވަނަ އަހަރުގައި، އެމަނިކުފާނުގެ ޚާއްސަ އިސްނެންގެވުމާއި ބެއްލުވުމުގެ ދަށުން ތަރައްޤީކޮށް ގިނަ ބަޔަކަށް ކަމުދާނެފަދަ ރީތިގޮތަކަށް ބަދަލު ކުރެއްވި ދެ ތަނެވެ.




