ރޯދަމަހަކީ ޢާއިލީ މައްސަލަތައް ޙައްލުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި އެވެ.
ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާޒީގައި ހިފަހައްޓައިގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށެވެ. އަދި ކުރިއަށްދިޔުމަކީ އިސްލާމްދީން އެކަމަށް ބާރުއަޅާ ކަމެއްކަންވެސް ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މާފުކުރުމާއި، އެކުވެރިކަން އާލާކުރުމާއި، ހިތްސާފުކޮށް ޠާހިރުކުރުން ފަދަ އިސްލާމީ ސިފަތަކުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. މިއީ ނަބަވީ ސުންނަތުން ދަލީލުކޮށްދޭ ކަންކަން ކަމަށާއި، މިކަންކަން ޔަޤީންނުވާނަމަ މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެކަމަަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކުރިމަތިވެފައިވާ ބަރަކާތްތެރި ރޯދަމަހުގައި އަމިއްލަ ނަފްސު އިޞްލާޙްކުރުމުގެ ނިޔަތްގަނެ، މާތްﷲގެ ވާގިފުޅާއެކު އެމަސައްކަތްކުރުމަށެވެ. މިކަމުގެ ސަބަބުން މުޅި ދިވެހި މުޖްތަމަޢު ތަރައްޤީވެ، ކުރިއަރައިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ފާޅުކުރެއްވި އެވެ.




