ރާއްޖެއާއި އަވައްޓެރި ސްރިލަންކާ އަދި އިންޑިއާއަށް މިރޭ ހަނދު ނުފެންނަ ކަމަށާއި، އެ ޤައުމުގެ މުސްލިމުން ރޯދަ ހިފަން ފަށާނީ އާދިއްތަ ދުވަހު ކަމަށް އެ ޤައުމު ތަކުގެ އިސްލާމީ ކަންތައްތަކާއި ބެހޭ ނިންމުންތައް ނިންމާ މަޖިލީހުން އިއުލާނުކޮށްފިއެވެ.
ރާއްޖޭގައި މި އަހަރުގެ ރަމަޞާން މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ އޮންނާނީ މިރޭ 20:00 ގައި އޮންނަ އިރު، މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ކަލަނޑަރުގައި ވާ ގޮތަށް މާރިޗު މަހުގެ 1 ވާ ހޮނިހިރު ދުވަހަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް ފަލަކީ ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކާ ރަމަޟާންމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހެކިބަސްދޭނީ އެވަގުތަކު ރަށު ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާގެ ކުރިމަތީގައެވެ.



