މި ރޯދަ މަހު ދޮގާއި ފިތުނަ ފަތުރަން މަސައްކަތް ކުރާ ކޮންމެ ބަޔަކާ ދުރުހެލިވުމަށް ރައީސުލްޖުމްހޫެރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރަމަޞާން މަހާއި ގުޅިގެން އެ މަނިކުފާނު ފޮނުއްވި ތަހުނިޔާގެ ހިތާބެއްގައެވެ.
ރައީސް ޑރ. މުއިއްޒުގެ ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ ރޯދައަކީ އަޅުގަނޑުމެންނާ އަހަރަކު އެއް ފަހަރު ބައްދަލުކުރާ އަގުހުރި މެހުމާނެއް ކަމަށާއި، މި މެހުމާނާއެކު އުޅެން މި ލިބޭ މައްސަރުގައި އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތުގައިވެސް ދެމެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ މި ރޯދަ މަހު އައު ކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އަޅުގަނޑުމެންގެ ދަރީންނަށާއި، ދިވެހި ކޮންމެ ކުޑަކުއްޖަކަށާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހެދުމަށް ރައީސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އަމިއްލަ ނަފްސަށް ގެއްލުންހުރި ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި ރޯދަ މަހު އެޅުމަށްވެސް ރައީސްް ގޮވާލެއްވިއެވެ.
ރައީސް ގެ ހިތާބުގައި އެ މަނިކުފާނު އިތުރަށް ވިދާޅުވީ ކީރިތި ޤުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ، ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއެް ކަަމަށެވެ. އަދި މި ބަރަކާތްތެރި މަހުގައި އަޅުގަނޑުމެން ހިފާ ރޯދައާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި، ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ، ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.
“ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން ޔަގީން ކުރަންވީ އެއް ކަމަކީ، ދިވެހީންގެ ސިލްމާއި ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ، މާތްވެގެންވާ އިސްލާމް ދީނާ ކަމެވެ. ތިރި ޖަޒީރާ ރަށްތަކެއްގައި އާބާދުވެ ދިރިއުޅެމުންދާ މި ޤައުމުގެ ރައްޔިތުންނަށް ﷲ ދެއްވި ނިޢުމަތްތަކާއި، އަމާންކަމާއި، ރަޙްމަތުގެ ބޮޑުކަމެވެ. “ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ އިޚްލާޞްތެރި މަސައްކަތް، އިރާދަކުރެއްވިއްޔާ ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރާނެ ކަމުގެ ޔަޤީން ކަން ދެއްވާ ކަމަށް ރައީސްގެ ހިތާބުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި، ކުލުނާއި، ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި ސަރުކާރުން އިސް ނަގާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ގެ ރޯދަ ހިތާބު ނިންމާލަމުން އެ މަނިކުފާނު ވިދާޅުވީ މި ލޮބުވެތި ވަޠަން، އިސްލާމް ދީނުގެ ހިދާޔަތުގައި އަބަދުމެ ލެހެއްޓެވުމަށް ދުއާ ކުރައްވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ ހެޔޮލަފާ ބަޔެއްގެ ގޮތުގައި އަބަދުމެ ލައްވައި، ވިޔަވަތި ދިރިއުޅުމެއް މިންވަރު ކުރެއްވުމަށް ދުއާ ކަރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



