މުޖުތަމަޢުގެ އާންމު ސިއްޙަތުގެ ރައްކަލަކަށްޓަކައި، މަގުމައްޗަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސް ކޮށްފިއެވެ.
ވެމްކޯ އިން މިކަމަށް އިލްތިމާސް ކޮށްފައިވަނީ، މިދުވަސްވަރަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށްވުމުން އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް އައިސްދާނެ ދަތިތަކާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެގޮތުން ވެމްކޯއިން ބުނީ، މިދުވަސްވަރަކީ މޫސުންގޯސް ދުވަސްވަރަކަށްވީނަމަވެސް، ޚިދުމަތް ފޯރުކޮށްދިނުމުގައި ވެމްކޯގެ ހީވާގި މުވައްޒަފުން ދަނީ އަވަދިނެތި މަސައްކަތް ކުރަމުން ކަމަށެވެ.
އެހެންނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ، މުޖުތަމަޢުގެ އާންމު އާންމު ސިއްޙީ ރައްކާތެރިކަމަށްޓަކައި އުކާލާ ކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.
”ޚިދުމަތް ހޯދާ ފަރާތްތަކުން ކުނި ނުނެގި ހުރި ގެއެއް ފާހަގަ ކުރެވިއްޖަނަމަ، ނުވަތަ ޚިދުމަތް ނުލިބޭނަމަ، ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 ގުޅާލައްވާ އެ މައުލޫމާތު ހުށަހެޅުން އެދެން“ ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންދޭ އެއްބާރުލުން ފާހަގަކޮށް، ވެމްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.



