ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް މި ރަމަޟާން މަހަށްފަހު ފަށާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓުތައް ސްޓެލްކޯ އިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކުރިއަށް ގެންގޮސްފައެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރުމުގެ ޕައިލެޓު ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު މިހާރު އެ ކުންފުނިން ތައްޔާރުވަމުން އަންނަނީ ސްމާޓް މީޓަރު ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ކަމަށެވެ.
އެގޮތުން މިމަހުގެ ތެރޭގައި ސްމާޓު މީޓަރު ޝިޕްމަންޓް ލިބޭނެކަމަށާއި، ރަމަޟާންމަހުގެ ފަހުން ގޭބީސީތަކުގައި ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށްގެންދާނެކަމަށް ނާޝިދު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ތައްޔާރުވަމުން މިއަންނަނީ ސްމާޓް މީޓަރު ޑިޕްލޯއިކުރުމަށް. އަޅުގަނޑުމެންގެ މީޓަރިން ޝިޕްމަންޓްގެ ފުރަތަމަ ޝިޕްމަންޓް މިހާރު މާލެ އައުމުގެ މަގުމަތީގައި. އުންމީދުކުރަނީ މި މަސް ނިމުމުގެ ކުރިން ޝިޕްމަންޓް ލިބޭނެކަމަށް. ރޯދަމަސް ނިންމާލާފައި މީޓަރު ހަރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން ކުރިއަށް ގެންދާނަން“ ނާޝިދު ވިދާޅުވިއެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ވިދާޅުވި ގޮތުގައި ސްމާޓު މީޓަރު ޕްރޮޖެކްޓާއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ކޮންމެ 15 މީޓަރުން ކަރަންޓް ހޭދަވާ މިންވަރު ކަސްޓަމަރުންނަށް އަމިއްލައަށް ބަލާލެވޭނެއެވެ.



