ކ.ކުޑަގިރި ފަޅުތެރޭގައި ދެ މަތިންދާ ބޯޓު ފައްތައިގެން ޑައިވް ރެކް ސައިޓެއް ތަރައްގީކުރަން ތައްޔާރުވެއްޖެއެވެ. ކުޑަގިރި ފަޅުތެރެއަށް ފައްތަން ނިންމާފައި ވަނީ ކުރިން އެއާ މޯލްޑިވްސްގައި ބޭނުންކުރި ދެ ޑޯނިއާ މަތިންދާބޯޓެވެ.
އެ ދެ ބޯޓު މިހާރު އެމްޓީސީސީގެ ބާޖެއްގައި އެ ސަރަހައްދަށް ގެންގޮސްފައި ވާއިރު މަސައްކަތުގައި ބައިވެރިވާ މީހުންނަށް ސިއްހީ އަދި ޖިސްމާނީ ގޮތުން ކުރިމަތިވެދާނެ ގެއްލުމުގެ ނުރައްކާ ކުޑަކުރުމަށް ޒިންމާދާރު ފަރާތުން ބައިވެރީންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރުމުގެ އުސޫލުތައް ކިޔައިދީ ތަމްރީނުކުރަންޖެހޭ ކަމަށް މި މަޝްރޫޢުގެ އީއައިއޭ ރިޕޯޓްގައިބުނެފައި ވެއެވެ.
މީގެ އިތުރުން އެ ޑައިވް ރެކް ސައިޓް ތަރައްގީ ކުރުމަށް ބޯޓު ފަޅުތެރެއަށް ފައްތާނީ ބޯޓު އޮޔަށާއި ރާޅަށް ގުޑާގުޑުން ކުޑަކުރުމަށް ބަރު ކުރުމަށް ތައްޔާރުކޮށްފައިވާ ފައި ތަނބުތައް ހަރުކުރުމަށްފަހުއެވެ.
މި މަޝްރޫޢުއަކީ އެޗްޑީސީ އާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ކުޑަގިރިއަކީ މާލެ ކައިރިން ދަތުރު ދިއުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެވެސް ބޮޑެތި އެހީތަކާއެކު ފަޅެއް ހިއްކައިގެން ތަރައްްގީކޮށްފައިވާ ރަށެކެވެ.
އެގޮތުން އެރަށުން ދަތުރުދާ ރަށަކުން ބޭނުންވާނެ ހުރިހާ ޚިދުމަތެއް ވަނީ ފުރިހަމަކޮށްފައެވެ. ރަށުގައި ޤާއިމުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި ކެފޭއަކާއި ފިހާރަޔާއި، ވޯޓަރ ސްޕޯޓްސްއާއި ކުޅިވަރު ކުޅެވޭނެ ފެސިލިޓީއާއި ބާބަކިއު އޭރިއާ އާއި ކުޑަކުދިންނަށް ޚާއްސަ ޕާކަކާއި ރީޑިން ކޯނާފަދަ ތަންތަންވެސް ހިމެނެއެވެ.
މީގެ އިތުރުން އެ ރަށުގެ އެކި ސަރަޙައްދުތަކުގައި ހަޓުތައް ހެދުމާއި، އައުޓް ޑޯ ފެންމާގަނޑާއި ފާޚާނާ ބަރިއާއި ޗޭންޖިންގ ރޫމާއި މިސްކިތްވެސް ހިމެނެއެވެ.




