އަސާސީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ލިބޭނެ ގޮތަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވުޒާރާއިން ”އަގުމަގު 1446“ ގެ ނަމުގައި، ޚާއްޞަ ޕޯޓަލެއް ތަޢާރަފުކޮށްފިއެވެ.
މި ޕްލެޓްފޯމަކީ ރައްޔިތުންނަށް އަސާސީ ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ވަސީލަތެކެވެ.
މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ފެންނަން ހުންނާނެއެވެ. ”އަގުމަގު“ ޕޯޓަލުން ބާޒާރުގެ އަގުތައް ފެންނަން ހުންނާނީ އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށް ގޮސް އެއްކުރާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
މި ޕޯޓަލް ތަޢާރަފުކުރުމަށްފަހު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިފަދަ ޕޯޓަލެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ގޭތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވިޔަފާރިވެރިންނަށް އަމިއްލައަށް އެޕްލިކޭޝަންގައި އަގު ޕޯސްޓްކުރުމުގެ ފުރުޞަތު ދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތި ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިޢާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެކެވެ.
މިހާރު މި ހިދުމަތް ހަމައެކަނި ލިބެނީ ގްރޭޓަރ މާލެ ސަރަޙައްދުން އެކަނިއެވެ.
މިހިދުމަތާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ނުވަތަ ރިޕޯޓުކުރުމަށް، ބޭނުންފުޅުވާ ފަރާތްތަކުން agumagu@trade.gov.mv އަށް މެއިލްކޮށްގެން މައުލޫމާތު ސާފުކުރެވޭނެއެވެ.



