ކ. ގުޅީގައި 500 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި ބޭނުންކުރަން ފަށައިފިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކ. ގުޅީގައި 500 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި މިހާރު ވަނީ ކޮމިޝަންކޮށް ބޭނުންކުރަން ފަށާފައި ކަމަށެވެ.
މި އިތުރު ޖަނަރޭޓަރާއެކު ގުޅީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވި، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން މާލެ ސަރަހައްދާއި މާލެ ކައިރި އަތޮޅުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު، މިއަހަރުގެ ”ޕީކް ސީޒަން“ ރަމަޟާން މަހާ ދިމާވާތީ، ސްޓެލްކޯއިން އަންނަނީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ގިނަ ތައްޔާރުވާނެ ކަމަށް އެކުންފުނިން މީގެ ކުރިން ބުނެފައިވެއެވެ. ނަމަވެސް ސްޓެލްކޯއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހަކީ ސްކޫލުތައް ބަންދު ދުވަސްވަރަކަށް ވުމާއެކު، އެ ދުވަސްކޮޅު މާލެ ސަރަޙައްދުގައި ކަރަންޓުގެ ޕީކް ލޯޑް ކުޑަވާނެ ކަމަށް ލަފާކުރެވެއެވެ.


