ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން ’ފްލައި ވިތް އަ ސްމައިލް‘ ކެމްޕެއިން ފުވައްމުލަކުގައި ތަޢާރަފުކޮށްފިއެވެ.
މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމުގެ މަޤްޞަދަކީ ތިމާވެށީގެ ޙަރަކާތްތަކާއި، ކެރިއަރ މަގުދެއްކުމާއި، ޘަޤާފީ ޙަރަކާތްތަކުގެ ތެރެއިން މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމެވެ.
މި ކެމްޕެއިންގެ ދަށުން ފުރަތަމަ ޙަރަކާތް ބޭއްވުނީ 25 ފެބްރުއަރީގައި ’ގްރީން ހޮރައިޒަންސް އިނީޝިއޭޓިވް‘ ގެ ނަމުގައެވެ. މި ޙަރަކާތުގައި މޯލްޑިވިއަންގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން އެއްވެ، ގަސް އިންދުމުގެ މަސައްކަތްކޮށްފައިވާއިރު، މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވެދިނުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމުގައި މޯލްޑިވިއަންއިން ބުނެފައިވެއެވެ.
ދެވަނަ ދުވަހު، 26 ފެބްރުއަރީގައި މޯލްޑިވިއަން އިން ގްރޭޑް 10 ގެ ދަރިވަރުންނަށް ކެރިއަރ މަގުދެއްކުމުގެ ސެޝަނެއް ބޭއްވާ، މި ސެޝަންގައި އެކި ދާއިރާތަކުގެ ވަޒީފާގެ ފުރުޞަތުތަކާ ބެހޭ ގޮތުން މާހިރުންގެ ލަފާ ދީފައިވާކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ.
މޯލްޑިއަންއިން ކުރިއަށް ގެންދިޔަ މި ކެމްޕެއިން ނިމުމަކަށް އައީ 27 ފެބްރުއަރީގައި ފުވައްމުލަކުގެ މަޝްހޫރު ތުނޑީގައި ބޭއްވުނު ’މޯލްޑިވިއަން ހަވީރީ އުފާ‘ އާ އެކުގައެވެ. މި ޙަރަކާތަކީ މުޖުތަމަޢު އެއްބައިވަންތަކަމާއެކު އެއްކޮށްލުމަށާއި ދިވެހިރާއްޖޭގެ މުއްސަނދި ޘަޤާފީ ތަރިކަ ދެމެހެއްޓުމަށް ބޭއްވުނު ޙަރަކާތެއް ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.
”މި ކެމްޕެއިންގެ ސަބަބުން އަޅުގަނޑުމެންނަށް ފުވައްމުލަކުގެ މުޖުތަމަޢާ ގާތުން މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނު. އަދި އަޅުގަނޑުމެންގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެން ދިޔަ“ މޯލްޑިވިއަންގެ ސީއީއޯ މުޙައްމަދު ޙުސައިން އަމީރު ވިދާޅުވިއެވެ.
’ފްލައި ވިތް އަ ސްމައިލް‘ ކެމްޕެއިންގެ ކާމިޔާބީއާއެކު، މޯލްޑިވިއަން އިން ވަނީ ކުރިއަށް އޮތް މަސްތަކުގައި އިތުރު ރަށްތަކުގައި މިފަދަ ޙަރަކާތްތައް ހިންގުމަށް ރޭވިފައިވާ ކަމަށް ހާމަކޮށްފައެވެ.



