ފާއިތުވި އަހަރު 1800 އަށްވުރެ ގިނަ ފަރާތްތަކެއްގެ މައްޗަށް ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ޕީޖީ އޮފީސް) ކޯޓުތަކަށް ހުށަހަޅާފައިވާކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު ދަޢުވާ އުފުލުމަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ.
ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ތަޙުޤީޤީ އިދާރާތަކުން ޖުމްލަ 890 މައްސަލައެއް އެ އޮފީހަށް ހުށަހަޅާފައިވާއިރު މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.
ޕީޖީ އޮފީހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ފާއިތުވި އަހަރު ޖުމްލަ 1851 މީހެއްގެ މައްޗަށް ދަޢުވާ އުފުލުމަށް ކޯޓުތަކަށް ހުށަހަޅާފައިވާއިރު މީގެ ތެރެއިން 1464 މީހުންގެ މައްޗަށް ދަޢުވާ ހުށަހަޅާފައި ވަނީ ސުޕީރިއަރ ކޯޓުތަކަށެވެ. އަދި 387 މީހެއްގެ މައްޗަށް ދަޢުވާ ހުށަހަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
ދަޢުވާ ލިބުނު ފަރާތްތަކުގެ ތަފްސީލަށް ބަލާއިރު، 113 އަންހެނުންނާއި 1738 ފިރިހެނުން ހިމެނެއެވެ. އަދި ޢުމުރުފުރާގެ ގޮތުން، 18 އަހަރުން ދަށުގެ 2 ކުދިންނާއި 18 އަހަރުން މަތީގެ 1849 މީހުން ހިމެނޭ ކަމަށް ޕީޖީއިން ބުނެފައިވެއެވެ.
ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާގޮތުގައި، ދަޢުވާ އުފުލުމަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. މިގޮތުން، ކެނެބިސް ބޭނުންކުރުމުގެ 269 މައްސަލައާއި، ޑައިމޯފިން ބޭނުންކުރުމުގެ 220 މައްސަލަ ހިމެނެއެވެ.



