ރާއްޖެއަަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި މިހާރުވެސް ވަނީ ފެންބޮޑު ވެފައެވެ. އެކަމާ ގުޅިގެން ފެން ހިންދުމަށާއި ވެލިބަސްތާ ޖެހުމުގައި ސިފައިންނާއި އެކި މުއައްސަސާތަކުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މިކަމާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ކުރިއަށް ގެންދަމުންދާ ކަމުގައި ވެސް ހީނާ ވިދާޅުވިއެވެ.
ރާއްޖެއަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެފައިވާތީ، ޒަރޫރީ ބޭނުންތަކުގައި މެނުވީ ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުލުހުން ވެސް ވަނީ އެދިލައްވާފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން، މާލެ ސަރަހައްދު ހިމެނޭހެން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އިން ވަނީ އޮރެންޖު އެލާޓު ވެސް ނެރެފައެވެ.
އެގޮތުން މެޓް އޮފީހުން އޮރެންޖު އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިރޭ 9:45 އިން މެންދަމު 00:00 އަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވެސް ވަނީ ބުނެފައެވެ.



