ފަލަސްތީނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ކުރިއަށްދާ އިސްތިޝާރީ މައްސަލައިގައި ރާއްޖެއިން މިއަދު ބަޔާނެއް ހުށަހަޅައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލައަކީ އދ. ގެ ޢާންމު މަޖިލީހުގެ ގަރާރަކުން 19 ޑިސެމްބަރު 2023 ގައި ފާސްކޮށްގެން ހުށަހަޅާފައިވާ މައްސަލައެކެވެ. މީގެ މައިގަނޑު ބޭނުމަކީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އ.ދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެން ގައުމުތަކުން ތިބުމާއި އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އައި.ސީ.ޖޭ ގެ އިސްތިޝާރީ ލަފަޔަކަށް އެދުމެވެ.
ރާއްޖެއިން ހުށަހެޅި ބަޔާނުގައި، އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތައް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލާފައިވެއެވެ.
މީގެއިތުރުން، އ.ދ. ގެ މެންބަރެއްގެ ހައިސިއްޔަތުން އިސްރާއީލުގެ މައްޗަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕަލެސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (ޔޫއެންއާރްޑަްޑަބްލިއުއޭ) ގެ މަސައްކަތްތަކާ ގުޅޭ ގޮތުން އޮތް ޒިންމާ ތަފްސީލުކޮށްދީފައިވެއެވެ. އަދި، ޔޫއެންއާރްޑަބްލިއުއޭ ގެ މަސައްކަތްތައް ހުއްޓުވާލައި އިސްރާއީލުން އެ ޖަމްޢިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަޤްވާމީ އުސޫލުތަކުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ އިސްރާއީލުގެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ބައިނަލްއަޤްވާމީ މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންދާކަން ފާހަގަކޮށްފައެވެ. އަދި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުން ކަމަށް ދިވެހި ސަރުކާރުން ދެކޭކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.



