”ފެނުނޭ، ފެނުން. މަ މިބުނީނު ފެނުނޭ! ކީއްވެތަ މަ ދައްކާ ވާހަކަ ތިޤަބޫލު ނުކުރަނީ؟“ އެނދުގައި ބަނދެފައިވާ އޮތް ރާހާ އަޑުގެ ނެތްކޮޅަށް ރޮމުން ހަޅޭލަވަމުން ދިޔައެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އެނދާއެކު ވަލަކުން އައްސާފައި އޮތް އޭނާގެ ދެއަތް މުހެވޭތޯއެވެ. ކައިރީގައި ނިއްކުރި ފަޅައިގެން ގޮސްފައި ހުރި އޭނާގެ މަންމަ ހަސީނާއާއި ގޮތްހުސްވެ، ހާސްވެފައި ހުރި ބައްޕަ އާތިފު އޭނާ މަސަލަސް ކުރަން މަސައްކަތް ކުރެވޭތޯ ހުއްޓެވެ. ކޮޓަރީގައި މާދުރު ނޫން ހިސާބެއްގައި ރާހާގެ ބޭބެ ހައިޝަމް ވެސް ހާސްވެ، ކޮޓަރީގައި ދެކޮޅަށް ހިނގަމުން ފޯނު ކަންފަތުގައި ޖަހައިގެން ވާހަކަ ދައްކަމުން ގެންދިޔައެވެ.
”ހެޔޮ ނުވާނެ މިރޭ އައިސްދީ. ވަރަށް މުހިންމު. މިރޭ މާބޮޑަށް ސަކަރާތް. މަންމައަށް ހަމަލާވެސް ދީފި“ ހާސްކަމުގެ ތެރޭގައި އާދޭހުގެ ރާގަކަށް ހައިޝަމް ވާހަކަ ދައްކަމުން ގެންދިޔައެވެ.
ފޯނު ބާއްވާފައި ހައިޝަމް ވެސް އެނދާ ކައިރިވިއެވެ. އަދި އިތުރަށް މާޔޫސްވެހުރެ އޭނާގެ މައިންބަފައިންނާ ދިމާލަށް ބަލާލާފައި ބޯ ހޫރާލިއެވެ.
”ވިއްސާރަކަމުން މިރޭ ނާދެވޭނެޔޯ. ވަރަށް ބުނިން، ކާރު ހިފައިގެން ބަލާވެސް ގޮސްފާނަމޭ ބުނިން. އެކަމަކު ހަމަ އެއްބަހެއް ނުވި“ ނާކާމިޔާބުވެފައިވާ ދަރިއެއް ފަދައިން ހައިޝަމް ބުންޏެވެ.
”އެހެން ޑޮކްޓަރެއް ނެތްތަ؟ ތިބޭނެއްނު މިކަހަލަ ކަންކަން ބަލާނެ އެހެން މީހުން ވެސް“ އާތިފު ބުންޏެވެ.
”ދައްކާ އެކަކަށް ދެއްކުން ރަނގަޅު ވާނީ ބައްޕާ. ރާހާގެ ހިސްޓްރީ އެނގެނީ ޑޮކްޓަރު ޝަމީލަށް އެކަންޏެއްނު. އެހެން ޑޮކްޓަރެއް ގެނަޔަސް އޭނައަށް އެހާ ނޭނގިދާނެ. އެހެންނޫނަސް އޭރުން ގިނަ މީހުންނަށް ހަމަ މިކަން އިނގެމުން ދާނީ ދޯ؟ މީހުން ވަރަށް އަނގަތަޅުވަން ފަށާނެ އޭރުން“ ރާހާއާ ދިމާލަށް ބަލާލާފަ ހައިޝަމް ބުންޏެވެ.
”މަށަށް ހެޔޮ މުޅި ޤައުމަށް އެނގުނަސް. މިހާރު މުހިންމީ މީހަކު ކިޔާފާނެ އެއްޗަކަށް ވިސްނުމަށްވުރެ އަވަހަށް މީނަ ރަނގަޅު ކުރުމެއް ނޫންތަ؟“ ހިތާމައާއި ރުޅިވެރިކަމާއެކު ހަސީނާ ތެދުވެ ބުންޏެވެ.
ކުއްލިއަކަށް އެންމެން ސިއްސައިގެން ދިޔައީ ކޮޓަރި ތެރެއަށް ވެރިވި އަލިގަދަ ވިދުވަރުންނެވެ. މުޅި ތަން އެއްކޮށް އަލިވެގެން ދިޔުމުން ލިބުނު ޝޮކާއެކު ތިން މީހުންނަށް ވެސް ބޭއިޚްތިޔާރުގައި އެކަކު އަނެކަކު ގައިގަ ބައްދައިގަނެވުނެވެ.
އެވަގުތު އެންމެންގެ ނަޒަރުވެސް ހުއްޓުނީ އެނދުގައި ބަނދެފައި އިން ރާހާއަށެވެ. ދެއަތް މައްޗަށް ނަގައި ބަނދެފައި އިން އިރު، އޭގެން ސަލާމަތް ވެވޭތޯ ރާހާ މިހާރު މަސައްކަތެއް ނުކުރެއެވެ. އިސްދަށަށް ޖަހައިގެން މަޑުމަޑުން އިނެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑު އޮތީ މުޅި މޫނަށް ވެއްޓިފައެވެ.
މާގިނަ އިރެއްނުވެ ދެން އިވުނީ ބާރަށް ގުގުރާލި އަޑެވެ. ނަމަވެސް އެއަޑަށްވުރެ ބާރަށް އިވެން ފެށީ ރާހާ ނުހަނު ބިރުވެރި ގޮތަކަށް ހޭ އަޑެވެ. ހެމުން ހެމުން މަޑުމަޑުން އޭނާ އިސް އުފުލާ ބަލާލިއެވެ. އޭނާގެ މަންމައާއި ބައްޕައާއި ބޭބެވެސް ބިރުން ތިބި މަންޒަރު ފެނުމުން އޭނާއަށް ލިބުނީ އިތުރު އުފަލެކެވެ. އާންމުކޮށް ނުހަނު ލަދުރަކި މިޒާޖެއް ގެންގުޅުނު ރާހާގެ ކިބައިން އެރޭ ފެންނަން ފެށީ އޭނާ ނުދަންނަ މީހަކު ވެސް ބިރުން ފިއްކަނޑައިގެން ދާނެވަރު ބިރުވެރި ހިނިތުންވުމެކެވެ.
އިރުކޮޅަކު އެހެން ހޭން އިނުމަށްފަހު، ރާހާގެ ބޯ އެލުނެވެ. އޭނާގެ ޚަބަރު ހުސްވެއްޖެކަން އެންމެންނަށް ވެސް އެނގުމުން އެކަކު އަނެކަކު ގައިން ދޫކޮށްލިއެވެ. އަދި މަޑުމަޑުން އަނެއްކާވެސް ރާހާ ކައިރިއަށް ޖެހެން ފެށިއެވެ.
”ހީ..ހީވަނީ ނިދުނީހެން.“ ބިރުންހުރެ ހަސީނާ ބުންޏެވެ.
”އަތް މުހެލަންވީތަ؟“ ހާސްވެރިކަމާ ބިރާއެކު އާތިފު އެހިއެވެ.
”އޭރުން އަނެއްކާވެސް އެޓޭކެއް ދީފާނެއްނު. އެހުރީ މިހާރުވެސް މަންމައަށް ހަދާފަ ހުރިގޮތް. ދެން ހަދާނީ ކިހިނެއްކަމެއް ވެސް ނޭނގެއެއްނު؟“ އިތުރަށް ބިރުގެންފައި ހައިޝަމް ބުންޏެވެ.
”އެކަމަކު މިހެނެއް އޭނަ ނުބޭންދޭނެ ދޯ. ކިހާ ތަދެއްވާނެ. މުހެލާފަ، ކޮޓަރި ބޭރުން ތަޅުލާފަ ދާނީ… އައިސް އަނެއް އަތް މުހެލަބަލަ“ ރާހާގެ އެއް އަތް މަޑުމަޑުން މުހެމުން އާތިފް ހައިޝަމް ގާތު ބުންޏެވެ.
ޖެހިލުންވެހުރެ، ކިޔަމަންތެރިކަމާއެކު ހައިޝަމް ވެސް ރާހާގެ އަތް މުހުނެވެ. އެނދުގައި ރާހާ މަޑުމަޑުން ބޭއްވުމަށްފަހު، އެ ކޮޓަރިން ތިން މީހުންވެސް ނިކުތުމުން، ޖީބުން ތަޅުދަނޑިފަތި ނަގާފައި އާތިފު ރާހާގެ ކޮޓަރި ތަޅުލިއެވެ. އެއިރު ހަސީނާ އެދޮރާ ދިމާލަށް ބަލަންހުރެ ރޮމުން ގެންދިޔައެވެ. ނިއްކުރިމަތީގައި އެއިރުވެސް ލޭތައް ހުއްޓެވެ.
”ހާސްނުވޭ. ދެން މިރޭ އިރާދަކުރެއްވިއްޔާ އިތުރު ކަމެއް ނުވާނެ. ހިނގާދާން ބޭސް އަޅަން. ބޮލަށް އެނބުރުން އަރާތަ؟“ ހަސީނާގެ ކޮނޑުގައި އަތް ބާއްވާލަމުން އާތިފު އޭނާ ގޮވައިގެން އެމީހުންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ހައިޝަމް އިރުކޮޅަކު ރާހާގެ ކޮޓަރިއާ ދިމާލަށް ބަލަން ހުރެފައި، އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
އޭގެ އަނެއް ދުވަހެވެ. އެރި އިރާއެކު ހަސީނާ އެންމެ ފުރަތަމަ ވެސް ބޭނުންވީ ރާހާގެ ހާލު ބަލާށެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރާހާގެ ކޮޓަރި ހުޅުވާފައި އެތެރެއަށް ބަލާލިއެވެ. ރާހާ އޮތީ އޭނާގެ ގައިމަތީގައި އަޅާފައި އޮތް ބްލޭންކެޓުގައި ބައްދައިގެން އެއް އަރިއަކަށް ގަދަ ނިންޖެއްގައެވެ. އޭނާގެ މޫނުމަތިން އޭގެ ކުރީ ރޭގައި ހިނގައިދިޔަ އެއްވެސް ކަމެއްގެ އަސަރެއް ނުފެނެއެވެ. އާންމުކޮށް އޮންނަ ގޮތަށް، ބޯ ކައިރީގައި ފޯނު ބާއްވައިގެން ގަދަ ނިންޖެއްގައި އޮތްއިރު، އޭނާއަކީ ކުރީގެ މަޑުމައިތިރި އަދި ލަދުރަކި ރާހާކަން ހަސީނާއަށް ޔަގީންވެގެން ދިޔައެވެ.
ކޮޓަރީގެ ދޮރު ލައްޕާފައި ހިތްހަމަޖެހިގެން ހަސީނާވެސް އަނބުރާ އޭނަގެ ކޮޓަރިއަށް ދިޔައެވެ. އަދި ދުވަހުގެ ކަންތައްތައް ކުރަން ފެށުމަށް ތައްޔާރުވަމުން ދިޔައެވެ.
ރާހާއަށް ހޭލެވުނީ ބަޔަކު ބޭރުގައި ވާހަކަ ދައްކާ އަޑަށެވެ. އަޑުން އެއީ އޭނަގެ ޑޮކްޓަރު ޝަމީލާއި، ހައިޝަމްއާއި އާތިފްގެ އަޑުކަން ރާހާއަށް އެނގުނެވެ. ރާހާ ތެދުވެ އެނދުގައި އިށީންދެފައި، އޭނާގެ ދެއަތަށް ތަދުވާތީ އަތަށް ބަލައިލިއެވެ. އައްސާފަ ހުރި ކަމުގެ ނިޝާން ފެނުމުން މަޑުމަޑުން އެތަނުގައި ހައިރާންކަމާއެކު ފިރުމަން އިންދާ ކޮޓަރި ދޮރު ހުޅުވާފައި އެ ތިން މީހުން އެތެރެއަށް ވަނެވެ. ފަހަތުން މަންމަ ހަސީނާވެސް އެތެރެއަށް ވަންތަން ރާހާއަށް ފެނުނެވެ.
”ރާހާ، ކޮބާ ކިހިނެއް؟“ ހިނިތުންވެލާފަ ޑރ. ޝަމީލް އޭނާގެ ދަބަސް އެނދު ކައިރީގައި ބަހައްޓަމުން، ރާހާ ކައިރީގައި އިށީންނަމުން އެހިއެވެ.
”ރަ..ރަނގަޅު. އަތަށް އެކަމަކު ވަރަށް އެބަ ތަދުވޭ.“ އާންމުކޮށް ޖަވާބުދޭ ގޮތަށް ހައިރާންކަމާއެކީ ރާހާ ބުންޏެވެ. އަދި ސުވާލުކުރާފަދަ ނަޒަރަކުން ހަސީނާއާ ދިމާލަށް ބަލައިލިއެވެ.
”ރޭގަ ވީ އެއްވެސް ކަމެއް ރާހާ ހަނދާން އެބަހުރިތަ؟“ ޑރ. ޝަމީލް ރާހާގެ ދެ ލޯ ޗެކް ކުރަމުން އެހިއެވެ.
”އަހަރެން އޮތީ ނިދާފަ“ ބޯ ހޫރާލަމުން ރާހާ ބުންޏެވެ. އަދި ސުވާލު ކުރާ ގޮތަށް ހައިރާންކަމާއެކީ އަނެއްކާވެސް ހަސީނާއަށް ބަލައިލިއެވެ.
”މަންމަގެ ބޮލަށް ކިހިނެއްވީ“ ނިއްކުރީގަ އަޅާފަ އިން ބޭސްގަނޑު ފެނިގެން ރާހާ ސުވާލު ކުރިއެވެ.
”ކަމެއް ނުވޭ ދަރިފުޅާ. މަންމަ ކައްސާލައިގެން ވެއްޓި އެނދުގަ ޖެހިގެން ކުޑަކޮށް ފަޅައިގެން ދިޔައީ. މާބޮޑު ކަމެއް ނުވޭ“ ރާހާ ދެރަ ނުކުރަން ހަސީނާ ދޮގު ހެދިއެވެ. އެވަގުތު ޑޮކްޓަރު ޝަމީލް ރާހާގެ ބްލަޑް ޕްރެޝަރު ބަލަމުން ގެންދިޔައެވެ.
”ރާހާގެ އަތުގައި އަޅަން ބޭސް ދޭނަން. ދެން ތަންކޮޅެއް ބީޕީވެސް ލޯ. އެހެންވީމަ އެކަމަށްވެސް ބޭހެއް ދޭނަން. އެކަމަކު ވާނެ އަހަންނަށް ދައްކާލަން ކްލިނިކަށް އަދި އަންނަން އިނގޭ“ އެވަގުތު އެތަނުން ދާން ތައްޔާރުވަމުން ޑރ. ޝަމީލް ބުންޏެވެ.
ކޮޓަރިން ނިކުތުމުން ޑޮކްޓަރު ދޮރާ ހަމައަށް ގެންދަން ހައިޝަމްއާއި އާތިފް ދިޔައެވެ.
”އަހަންނަށް ހީވަނީ ހަމަ ސްޓްރެސްހެން. މިޒަމާނު ޒުވާން ކުދިން ނުބުނާނެ ކަމަކާ އެހާ ވިސްނިޔަސް ދޯ. މާބޮޑަށް ސްޓްރެސް ވެގެން އަނެއްކާވެސް އެ މެންޓަލް އެޓޭކެއް ޖެހުނީ. މަ ދޭނަން ބޭސްތަކެއް. އޭރުން ދެން އެހާ ވަޔަލެންޓެއް ނުވާނެ. އެކަމަކު ވަރަށް މުހިންމު ރާހާއާ ވާހަކަ ދައްކާލަން ގެންނަން. ކައުންސެލިންގް ވަރަށް ބޭނުންވެފަ އެހުރީ. އެހެންވެ މިބުނީ ކްލިނިކްއަށް އަންނައްޗޭ ވެސް“ ޑރ. ޝަމީލް ގެއިން ނިކުންނަމުން ބުންޏެވެ.
”ލައްބަ، އަޅުގަނޑުމެން ކޮންމެވެސް ގޮތަކުން އޭނަ ގެންދާނަން. ވެގެން އުޅޭ ގޮތް ބަލާލަދޭތި“ އާތިފު ބުންޏެވެ.
ޑރ. ޝަމީލު ދިޔުމުން ބޭރު ދޮރު ލެއްޕުމާއެކު އާތިފްއާއި ހައިޝަމް ވެސް ސިއްސައިގެން ދިޔައީ ހަސީނާ ބާރަށް ހަޅޭލަވައިގަތް އަޑަށެވެ. ދެބަފައިން ދުވެފައި ރާހާގެ ކޮޓަރި ދޮރުމައްޗަށް އަރާފައި، ފެނުނު މަންޒަރުން ހައިރާންކަމާ ބިރުވެރިކަމާއެކު ހުއްޓުން އެރިއެވެ.
ރާހާ ހުރީ އެނދުމަތީގައި ކޮޅަށެވެ. އެއް އަތުން ހަސީނާގެ ކަރުގައި ހިފާ އޭނާގެ ބޮލުން މައްޗަށް އުފުލާލައިގެން ބިރުވެރި ހިނިތުންވުމެއްގައި ރާހާ ހުއްޓެވެ. އޭނާއަށް ހަސީނާ އެއްވެސް ވަރަކަށް ބަރުހެން ހިއެއް ނުވެއެވެ. ވައިމަތީގައި ހަސީނާ، ރާހާގެ އަތުން ސަލާމަތްވެވޭތޯ ދެއަތުން ހިފާ މަސައްކަތް ކުރަމުން ގެންދިޔައެވެ.
ރާހާގެ ނަޒަރު ދެން ހުއްޓުނީ ހައިޝަމްއާއި އާތިފު އަށެވެ. އަދި ކުރީ ރޭ ޖަހާލިފަދަ ބާރު ހިނިގަނޑެއް ޖަހާލާފައި އެ ދެ ބަފައިންނާ ދިމާލަށް ދެ ލޯ ބޮޑު ކޮށްގެން ބަލަން ރާހާ ހުއްޓެވެ.
-އެޕިސޯޑު 1 ނިމުނީ-



