މި އަހަރުގެ ރަމަޟާން މަހާ ގުޅިގެން އެމްޓީސީސީން ފޯރުކޮށްދޭ ފެރީ އަދި ބަހުގެ ޚިދުމަތްތަކުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އަޙްމަދު ޝަފީޤު ވިދާޅުވި ގޮތުގައި، ގްރޭޓަރ މާލޭ ސަރަޙައްދުގައި ދުއްވާ ބަސްތަކުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. އޭގެ ތެރޭގައި މާލެއިން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އަށް ކުރާ ދަތުރުތައް ހިމެނެއެވެ. މީގެއިތުރުން، ރޯދަވިއްލާ ވަގުތު ދަތުރުތައް މެދުކަނޑާލުމަށްފަހު، ރޭގަނޑު 7:20 ގައި އަލުން ފަށައި، މެންދަމު 12:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގައި ދުއްވާ އޯކިޑް، އަމީނީ އަދި ސޯސަން ރޫޓުތަކުގެ ބަސް ދަތުރުތަކަށް ބަލާއިރު، މި ދަތުރުތައް ވެސް ފެށޭނީ ހެނދުނު 7:00 ގައެވެ. އަދި ހަވީރު 6:00 އަށް މެދުކަނޑާލުމަށްފަހު، ރޭގަނޑު 9:00 ގައި އަލުން ފަށައި، މެންދަމު 12:00 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
ފެރީ ދަތުރުތަކުގެ ވަގުތުތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވާކަން ހާމަކުރާއްވާ އެމްޓީސީސީން ބުނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން 68 ރޫޓެއްގައި ފެރީ ދަތުރުތައް ކުރިއަށް ގެންދާ ކަމަށާއި، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އަމާޒުކޮށްގެން މި ދަތުރުތައް ރާވާފައިވާ ކަމަށެވެ.
މި ބަދަލުތަކާއެކު، ރަމަޟާން މަހުގައި ދަތުރުފަތުރުގެ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުން އާ ގަޑިތަކަށް ސަމާލުކަން ދިނުމަށް އެމްޓީސީސީން އެދިފައިވެއެވެ.



